26 Jan 2013, 12:52
ނިމިގެން މި ދިޔަ 2012 ވަނަ އަހަރު ދުނިޔޭގައި އެންމެ ގިނައިން ވިކިފައިވާ މޯބައިލް ފޯނަކީ ދެކުނު ކޮރެއާގެ އުފެއްދުމެއް ކަމަށްވާ ސެމްސަންގް ބްރޭންޑުގެ މޯބައިލް ފޯން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފައިބެ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކުނު އެކިއެކި ބްރޭންޑުގެ ފޯނުތަކުގެ ތެރެއިން ކޮންމެ ހަތަރު ފޯނަކުން އެއް ފޯނަކީ ސެމްސަންގް ބްރޭންޑުގެ ފޯނެކެވެ. އެގޮތުން ސެމްސަންގުން ޝިޕް ކުރެވުނު މޯބައިލް ފޯން ޝިޕްމެންޓްތަކުގެ އަދަދު ވަނީ 20 އިންސައްތައަށް މައްޗަށް ޖެހިލާފަ އެވެ. އެއީ ގާތްގަނޑަކަށް 396.5 މިލިޔަން މޯބައިލް ފޯނެވެ.
ވާދަވެރި އެޕަލްގެ ފޯން ޝިޕްމެންޓްތައް ވެސް ވަނީ ފައިބެ އަހަރު ރެކޯޑް އަދަދަކަށް މައްޗަށް ޖެހިލާފަ އެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުގައި ވިކުނު އެޕަލް ފޯނުގެ އަދަދު 135.8 މިލިޔަނަށް އަރައެވެ. އެއީ 46 އިންސައްތައިގެ އިތުރު ވުމެކެވެ.
މީގެ ކުރިން ދުނިޔޭގެ އެކި ކަންކޮޅުގައި އެންމެ ގިނަ އަދަދަކަށް ވިކެމުން ދިޔަ ނޮކިއާ ބްރޭންޑުގެ ފޯނުތަކުގެ ވިޔަފާރި ފައިބެ އަހަރު ވަނީ 20 އިންސައްތަ ދަށަށް ގޮސްފަ އެވެ. އެގޮތުން 2011 ވަނަ އަހަރު ނޮކިއާގެ 417.1 މިލިޔަން ފޯނު ވިކިފައިވާ އިރު 2012 ވަނަ އަހަރު ނޮކިއާ ބްރޭންޑުގެ ވިކިފައިވަނީ 335.6 މިލިޔަން ފޯނެވެ.
ޓެކްނޮލޮޖީ މާކެޓް ދިރާސާ ކުރާ "ސްޓްރެޓެޖިކް އެނަލިސިސް"އިން ހާމަކުރި ގޮތުގައި ވޭތުވެ ދިޔަ އަހަރު ދުނިޔޭގެ އެކި ހިސާބުތަކުގައި ވިކުނު މޯބައިލް ފޯނުގެ ޖުމުލަ އަދަދު ވަނީ 2 އިންސައްތަ މައްޗަށް ޖެހިފަ އެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1.6 ބިލިޔަން މޯބައިލްފޯން ވިކިފައި ވެއެވެ.
ހަމަ އެހެންމެ ފައިބެ އަހަރު އުފެއްދި ސްމާޓް ފޯނުގެ އަދަދު ވަނީ 43 އިންސައްތަ މައްޗަށް ޖެހިފަ އެވެ. އެގޮތުން އަހަރު ދުވަހުގެ ތެރޭގައި އުފެއްދި ސްމާޓްފޯނުގެ އަދަދު 700 މިލިޔަނަށް އަރައެވެ.
ސްމާޓްފޯން މާކެޓްގައި އެޕަލް އާއި ނޮކިއާގެ މައްޗަށް 30 އިންސައްތައިގެ ކުރިއެރުމެއް ސެމްސަންގް އިން ހޯދާފައިވާ އިރު 2012 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެކުންފުނީގެ 76 އިންސައްތަ ފައިދާ އުފުލިފައި ވަނީ ސެމްސަންގް ގެލެކްސީ ސީރީޒްގެ ސްމާޓް ފޯނުންނެވެ. އެހެން ކަމުން މީގެ ކުރިން ސްމާޓްފޯނު އުފެއްދުމުގެ އެންމެ ކުރީގައި އުޅުނު އެޕަލް ވައްޓާލުމަށް ފަހު ސްމާޓް ފޯނު އުފެއްދުމުގައި ފައިބެ އަހަރު ސެމްސަންގުން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.
އެޕަލް ކުންފުނިން ހާމަ ކޮށްފައިވާ ގޮތުގައި އެކުންފުނީގެ އަހަރު ދުވަހުގެ ފައިދާ 13.1 ބިލިޔަން ޑޮލަރަށް އަރާއިރު ކުއާޓާއެއްގެ އާމްދަނީ 55 ބިލިޔަން ޑޮލަރަށް އަރަ އެވެ. އަދި އެކުންފުނީގެ އެންމެ ފަހުގެ ސްމާޓްފޯން ކަމަށްވާ އައިފޯން5 އާއި އައިޕެޑް ގެ ސޭލްސް ފައިބެ އަހަރުގެ ފަހު ތިންމަސް ދުވަހު ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ޖެހިފަ އެވެ. އެގޮތުން 47.8 މިލިޔަން އައިފޯން ވިކިފައިވާ އިރު 22.9 މިލިޔަން އައިޕެޑް ފައިބެ އަހަރުގެ ފަހު ތިން މަސްތެރޭގައި ވިކިފައި ވެއެވެ.