26 Jan 2013, 12:50
މުސްތަގްބަލުގައި ރާއްޖޭގައި ވެސް ބެލެނިވެރިންނަށް، ކުދިން ތަރުބިއްޔަތު ކުރުމުގެ ވައްޓަފާޅިއާއި އެކަމުގެ ހުނަރުތައް އުނގަންނައިދޭން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ށ. ފުނަދޫ ސްކޫލްގެ 10 ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލްގެ ބިންގާ، އަޅުއްވައިދެއްވުމަށް ފަހު، ރައީސް ވިދާޅުވީ މިޒަމާނުގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބެލެނިވެރިންނަށް ވެސް ކުދިން ތަރުބިއްޔަތު ކުރުމުގެ ތަޢުލީމު ދެމުން ގެންދާ ކަމަށެވެ. އަދި ރާއްޖޭގައި ވެސް ނުރަސްމީ ގަޑިތަކުގައި ސްކޫލްތަކުގައި މިފަދަ ކަންކަން ހިންގުމަކީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދަރިންގެ މުސްތަޤްބަލް ބިނާވެފައި އޮތީ، އެ ދަރިންނަށް ދެވޭ ތަޢުލީމަކާއި ތަރުބިއްޔަތެއްގެ މައްޗަށް ކަމަށާއި އެ ދަރިންގައި ހުރި އަޚްލާޤެއްގެ މައްޗަށް ކަމަށް ވިދާޅުވި އެވެ. އަދި އެ ކުދިން ހަރުދަނާ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކޮންމެ ދަރިވަރެއްގެ ވެސް އަދި ކޮންމެ ކުއްޖެއްގެ ވެސް އެންމެ ފުރަތަމަ މުދައްރިސަކީ އަދި މުދައްރިސާއަކީ، އެ ކުއްޖެއްގެ މަންމައާއި ބައްޕަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ކުއްޖާ ދުނިޔެއަށް އުފަންވުމާ އެކީގައި އެ ކުއްޖާ އަށް ތަފާތު ކަންކަން ދަސްކޮށްދެނީ، މައިންބަފައިން ކަމަށާއި އެގޮތުން އެންމެ ތުއްތުއިރު ނާސަރީއަށް ދިޔުމުގެ ކުރިން ވެސް އެކުދިންނަށް ތަޢުލީމުގެ ބިންގާ އަޅައިދިނުމުގެ މަސްއޫލިއްޔަތު އެޅިފައި ވަނީ، މައިންބަފައިންގެ ކިބައިގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ކުދިންނަށް ގިނަ ކަންކަމުގެ އިޙްސާސާއި ޙަރަކާތްތެރިކަން ޅަފަތުގައި ލިބުނުވަރަކުން، އެކުދިންނަށް މަދްރަސީ ތަޢުލީމު ހޯދުމަށް ވެސް ފަސޭހަވެގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޢިމާރާތެއް ކުރެވުމަކުން، ތަޢުލީމާއި ތަރުބިއްޔަތެއް ނުދެވޭނެ ކަމަށާއި ތަޢުލީމާއި ތަރުބިއްޔަތު ދެވޭނީ، އެތަނެއްގައި ރަނގަޅު ޕްރޮގްރާމްތަކެއް ހިންގިގެން، ރަނގަޅު މަންހަޖެއް އޮވެގެން އަދި އެ މަންހަޖަށް ކިޔަވައިދެވޭވަރުގެ ޤާބިލް ޓީޗަރުން ތިބެގެން ކަމަށް ވިދާޅުވި އެވެ. އަދި ކިޔަވައިދިނުމުގެ ރަނގަޅު މަންހަޖެއް އޮވެ، އެ ތަންފީޛު ވެގެންދާ އިރު، މުދައްރިސުންގެ ފެންވަރު ނެތް ކަމަށްވާ ނަމަ، އެ ގެނެވުނު ބަދަލުގެ މާބޮޑު ފައިދާއެއް ނުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުނަދޫ ސްކޫލްގެ 10 ކްލާސްރޫމްގެ އާ ޢިމާރާތާއި މަލްޓި ޕާޕަސް ހޯލްގެ ބިންގާ އަޅުއްވައިދެއްވުމަކީ، އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށެވެ. އަދި ސްކޫލެއްގެ ކާމިޔާބީއަކީ، އެ ސްކޫލަކުން ނުކުންނަ ދަރިވަރުންގެ ފެންވަރާއި ދަރިވަރުންގެ އަޚްލާޤާއި ދަރިވަރުންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތު ރަނގަޅުވުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ފުނަދޫ ސްކޫލްގެ ކިޔެވުމުގެ ފެންވަރު، އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުވަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި މިހާތަނަށް އޯ ލެވެލް އިމްތިޙާނުގައި، އެ ސްކޫލުން ދެއްކި އެންމެ ރަނގަޅު ނަތީޖާ، މިއަހަރު ފެނިގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، އެސްކޫލްގެ ވެރިންނަށާއި މުދައްރިސުންނަށާއި ދަރިވަރުންނަށާއި ބެލެނިވެރިންނަށް މަރްޙަބާ ވިދާޅުވެ، ޝުކުރު އަދާކުރެއްވި އެވެ.