26 Jan 2013, 12:25
ފުވައްމުލަކު ހޯދަޑު ޒަމްހަރީރުގޭ މުހައްމަދު ނާފިޒު 30، އާ އެކު މިދިޔަ ބުރާސްފަތި ދުވަހު އައްޑުއަށް ދަތުރު ކުރި ތިން މީހުންނަކީ ވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ ތިން މީހުންނެވެ. ސާޅީސް ފޫޓުގެ މަސް ދޯނީގައި އެ މީހުން އައްޑުއަށް ދިޔައީ މަސްތުވާތަކެތި ގަތުމަށް ކަމަށް ވެއެވެ. މަސްތުވާ ތަކެތި ހިފައިގެން އެނބުރި ރަށަށް އައިސް ބަނދަރަށް ވަދެފި ނަމަ ފުލުހުން އެ މީހުން ރޭޑުކޮށްފާނެ ކަމުގެ ބިރު އޮތެވެ. އެކަމުގެ ބިރާ ހުރެ، ރަށާ ކައިރި ކުރުމަށް ފަހު ބަނދަރަށް ނުވަދެ، ހޯދަޑު އަވަށު އަނބުލުފަންނާ ދިމާލު މޫދަށް ނާފިޒު ފުންމާލި ކަމަށްވެ އެވެ.
"އައްޑޫން ގަނެގެން އައި މަސްތުވާތަކެތީގެ ބްލެޓްގެ ތެރެއިން ބައެއް އެއްޗެހި ދޯނި މަތީގައި މި މީހުން ބޭނުން ކުރި ކަމަށްވޭ. އަދި އެ ހާލަތުގައި ހުރެ އޭނާ މޫދަށް ފުންމާލީ،" ފުވައްމުލަކުގައި ހުރި ސަންގެ މުރާސިލަކު ބުންޏެވެ.
ބުރާސްފަތި ދުވަހުގެ ފަތިހު ނާފިޒު މޫދަށް ފުންމާލި އިރު، އެ ސަރަހައްދުގެ އޮއިވަރު ގަދަ އެވެ. ބިޔަ ރާޅުތައް ދިޔައީ ގޮނޑުދޮށަށް ބިންދަމުންނެވެ. ނާފިޒުގެ ހާލަތު ހުރި ގޮތުން އޮއިވަރު ތެރޭގައި ނުހިފެހެއްޓިގެން ނާފިޒު ގެނބުނީ ކަމަށް ވެސް ރަށު ތެރޭގައި އަޑު ފެތުރިފައިވެ އެވެ. ސަބަބެއް ކަމަށް ބެލެވެނީ ނާފިޒަކީ އަކުނިވަޔަށް ދަމާ މީހެއް ކަމަށްވުމުން، ފަތަން އެނގުނަސް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އޭނާގެ އަމިއްލަ ބާރު ކެނޑިގެން ދާނެ ކަމެވެ.
ނާފިޒު ގެނބިގެން މަރުވީ ކަމަށް އޭނާގެ އާއިލާއިން ގަބޫލެއް ނުކުރެ އެވެ. އާއިލާއިން ތުހުމަތު ކުރާ ގޮތުގައި އޭނާއާ އެކު ދަތުރު ކުރި މީހުން، ނާފިޒަށް އަނިޔާކޮށް، މަރައިލުމަށް ފަހު މޫދަށް އެއްލާލީ އެވެ.
ނާފިޒުގެ ކޮއްކޮ އިބްރާހިމް މައުޒު ބުނީ ބޭބެ އައްޑޫން ފުރައިގެން ރަށަށް އައި މަގުމަތީގައި ދޯނީގައި ތިބި ތިން މީހުން ބޭބެއާ މާރާމާރީ ހިންގި ކަމަށް އެއްބަސްވެ، ރަށު ތެރޭގައި އެ ވާހަކަ ދެއްކި ކަމަށެވެ. އަދި ބޭބެއަށް އަނިޔާކޮށް މޫދަށް އެއްލާލުމަށް ފަހު، "ސީންއެއް ކްރިއޭޓް" ކުރާން ވެގެން ބޭބެގެ ފޯނާއި "އެތިކޮޅު" ކޮތަޅަކަށްލާފައި އަނބުލުފަންނާ ދިމާއަށް އެއްލާލީ އެވެ.
"ދޯނިން ދިޔަ މީހުން މިރަށު ކުދިބައެއްގެ ކައިރީގައި ބުނީ ތިމަންނަމެން ދޯނި ތެރޭގައި މާރާމާރީއެއް ހިންގީމޭ... ބޭބެގެ ފޯނާއި އެއްޗެހި އެ ތަނަށް އެ މީހުން އެއްލާނީ ސީންއެއް ކްރިއޭޓް ކުރަންވެގެން،" ނާފިޒުގެ ކޮއްކޮ ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު ގެއްލުނު ނާފިޒުގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނު އިރު އެރި ވަގުތު ފުލުހުންނާއި އާންމުގެ މީހަކަށެވެ. ނާފިޒުގެ ކޮއްކޮ ބުނީ މިއަދު އެ ރަށަށް ލައްގައިފައި އޮއްވާ ފެނުނު ހަށިގަނޑަކީ ބޭބެކަން ކަށަވަރު ވަނީ ފައިގައި އަޅައިފައިވާ ފެކިނަކުންނާއި ބޮލުގެ އިސްތަށިގަނޑު ހުރި ގޮތުން ކަމަށެވެ. ނާފިޒުގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް މިއަދު ފެނުނު އިރު އެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފަ އެވެ.
ނާފިޒުގެ މަރާ ގުޅޭ ގޮތުން މީޑިއާއަށް އެއްޗެއް ބުނާކަށް އޭނާގެ މަންމަ ޖަމީލާ މުހައްމަދު ބޭނުމެއް ނުވެ އެވެ. ޖަމީލާ ބުނީ މި ދަނޑިވަޅުގައި އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.
ފުވައްމުލަކު ގޮނޑުދޮށުން ނާފިޒުގެ "ނޮކިޔާ ބައްތި" ފޯނާ އެކު ފެނުނު ބްލެޓު ސައިޒުގެ 14 ޕެކެޓް އޮތީ ފެން ނުވަންނަ ވަރަށް ރަބަރު ތިން ކޮތަޅަށް ލައި ރަބަރު އޮޅައި ރަނގަޅަށް ބަންދުކޮށްފަ އެވެ. ސުވާލު އުފެދެނީ ފޯނާ އެކު އެތަކެތި މޫދަށް ވެއްޓުނު ނަމަ ގޮނޑު ދޮށަށް ލައްގާފާނެތޯ ކުރެވޭ ސުވާލެވެ. މޫދަށް އެއްލާލިޔަސް ދެފެން ދޭތެރޭ އޮންނަ ވަރަށް ކޮތަޅު އޮޅާފައި އޮވެއްޖެ ނަމަ އޮޔާގޮސް ގޮނޑުދޮށަށް ލެއްގުމުގެ ފުރުސަތު އެބައޮތެވެ.
އެއްބަޔަކު ބުނަނީ ނާފިޒުގެ ފޯނާއި މަސްތުވާތަކެތި އަޅާފައިވާ ކޮތަޅު ފެނުނީ ގޮނޑު ދޮށުން ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެ އެއްޗެހި ހުރީ ރުކެއްގެ ބުޑުގައި ކަމަށެވެ. ނާފިޒާއެކު ދަތުރު ކުރި މީހުން އެ އެއްޗެހި އެތަނުގައި ބެހެއްޓީ ކަމަށް ވެސް ރަށު ތެރޭގައި އަޑު ފެތުރިފައިވެ އެވެ.
ނާފިޒުގެ މަރާ ގުޅޭ ގޮތުން ރަށު ތެރޭގައި ދެ ގޮތަކަށް ވާހަކަ ފެތުރިފައިވާ އިރު، ފުލުހުން ދަނީ އޭނާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނާފިޒާއެކު ދަތުރު ކުރި މީހުން ހައްޔަރު ކުރިކަން ފިޔަވައި އިތުރު ވާހަކެއް ފުލުހުން އާންމެއް ނުކުރެ އެވެ.