ލަންޑަން (ޖަނަވަރީ 26): މުސްލިމުންނަށް ޖެއްސުންކޮށް އިސްލާމް ދީނަށް އިހާނާތް ކުރުމުގެ ނިޔަތުގައި އިނިގިރޭސިވިލާތުގެ އިސްލާމީ މަރުކަޒެއްގެ ކުރިމަތީގައި އޫރެއްގެ ބޮލެއް ބޭއްވި ކަމަށް އިނގިރޭސިވިލާތުގެ ދޮން ނަސްލުގެ ޒުވާނަކު ކޯޓުގައި އެއްބަސްވެއްޖެ އެވެ.

ލިޔަމް ވައިރަ ނަމަކަށްކިޔާ މިޒުވާނާ އޫރެއްގެ ބޮލެއް ބާއްވައިފައި ވަނީ އިނގިރޭސިވިލާތުގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ލެއިސެސްޓަގެ މުސްލިމުން އިސްލާމީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރާ ޢިމާރާތެއްގައި މުސްލިމުންގެ ގިނަ އަދަދެއްގެ ބަޔަކު ނަމާދުކުރަމުން ދިޔަ ވަގުތެއްގައި އެތަނުގެ ހަރިއްމަތެރޭގަ އެވެ. ލެއިސެސްޓާގެ ކޯޓެއްގައި އެ ޒުވާނާގެ މައްޗަށް ޝަރީއަތް ހިންގަނީ ދީނީ ތަޢައްސުބުގައި ބަޔަކަށް ޖެއްސުންކުރުމާއި އެއްވެސް ސަބަބަނުލާ މީހުންނަށް އުނދަނގޫކޮށް ދުއްތުރާ ކުރުމުގެ ކުށުގަ އެވެ. މި ދެ ކުށަށް ވެސް ލިޔަމް ވައިރަ ވަނީ އިޢްތިރާފް ވެފަ އެވެ. މިއިޢްތިރާފްގެ ސަބަބުން ތިން މަސް ދުވަހަށް ޖަލުގައި ބަންދުކުރުމުގެ ޙުކުމެއް އެޒުވާނާގެ މައްޗަށް އަންނާނެކަމަށްވަނީ ބެލެވިފަ އެވެ.

އަނެއްކޮޅުން އިނގިރޭސިވިލާތުގެ ކައުންޓީ އެއްކަމަށްވާ ބާކްޝަގެ ނިޔުޕޮރީގެ އިސްލާމީ މަރުކަޒެއްގެ ކުރިމަތީގައި އޫރެއްގެ ބޮލެއް ބޭއްވި ޒުވާނެއްގެ މައްޗަށްވެސް އެކަމުގެ ކުށްސާބިތުވެގެން އެސަރަޙައްދުގެ ކޯޓަކުން ވަނީ ތިން މަސް ދުވަހަށް ޖަލަށް ލުމުގެ ޙުކުމެއް އެޒުވާނާގެ މައްޗަށް މިދިޔަ ބުދަދުވަހު ކޮށްފަ އެވެ. މިދޔަ އަހަރުގެ ފަހުކޮޅު އިނގިރޭސިވިލާތުގެ ޗެލްޓެންހަމްގެ މިސްކިތެއްގެ ދޮރުކައިރީގައި އޫރެއްގެ ބޮލެއް ބޭއްވި ދޮން މީހެއްގެ މައްޗަށްވަނީ ޗެލްޓެންހަމްގެ ކޯޓަކުންވަނީ ހަތަރު މަސް ދުވަހުގެ ޖަލު ޙުކުމެއް އިއްވާފަ އެވެ. އުމުރުން 45 އަހަރުގެ އެ މީހާއަކީ ކުރިން އިނގިރޭސި ސިފައިންގެ ތެރޭގައި އުޅުނު މީހެއް ކަމަށްވެ އެވެ.

އޭނާގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި މުސްލިމުންނަށް ދީނީ ގޮތުން ޖެއްސުން ކުރުމުގެ ނިޔަތުގައި ޗެލްޓެންހަމްގެ މިސްކިތެއްގެ ދޮރުކައިރީގައި އޫރެއްގެ ބޮލެއް ބޭއްވުމުގެ އިތުރުން އެމިސްކިތުގެ ބޭރު ފާރުގައި ނަސްލީ އިމްތިޔާޒުގެ ޢިބާރާތްތައް ލިޔުމާއި މުސްލިމުންނަށް ދުއްތުރާ ކުރުން ހިމެނެ އެވެ. އިނގިރޭސިވިލާތުގެ ދޮންމީހުންގެ ތެރޭގައި ހިމެނޭ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުން ނާއި މުސްލިމުންނާމެދު ރުޅިވެރިކަމާއި ތަޢައްސަބު ގެންގުޅޭ ވަކިވަކި ފަރުދުން އެގައުމުގެ މުސްލިމުންނަށާއި މިސްކިތްތައްފަދަ މުސްލިމުންގެ ދީނީ ޢިމާރާތްތަކަށް ގޯނާކުރުމަކީ ޢާންމުކޮށް ހިނގަމުންދާ ކަމެއް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. (ޔުނައިޓެޑް ޕްރެސް އިންޓަނޭޝަނަލް)