26 Jan 2013, 10:17
ޔޫތު ޗެމްޕިއަންޝިޕް 2013ގެ ގްރޫޕް އެކެއްގައި އިއްޔެ ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޭދަފުށީ ޒުވާނުންގެ ކުލަބު ބައްދަލުކުރި މެޗު ދޭއް އެކަކުން ކާމިޔާބުކޮށް އެ ގްރޫޕުން ކުއާޓާ ފައިނަލްގެ ފުރަތަމަ ޖާގަ މާޒިޔާއިން ކަށަވަރު ކޮށްފި އެވެ.
ހުކުރު ދުވަހު ހަވީރު ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ ވަނީ އެއް ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. އެ ލަނޑު މާޒިޔާ އަށް ކާމިޔާބުކޮށް ދިނީ 41 ވަނަ މިނިޓުގައި ގުރައިޝް ޢަބްދުއް ރައްޒާގު އެވެ.
ދެވަނަ ހާފު ފެށިގެން 12 ވަރަކަށް މިނިޓް ތެރޭގައި އޭދަފުށީގެ ފަތީން ހާލިދު ވަނީ މާޒިޔާގެ ގޯލަށް ބޯޅަވައްދާލައިގެން މެޗުގެ ނަތީޖާ އެޓީމަށް ހަމަހަމަކޮށްދީފަ އެވެ. މާޒިޔާ އަށް މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށް ދިނީ 76 ވަނަ މިނިޓުގައި އެ ޓީމުގެ މުޙައްމަދު ފަލާހު ހާމިދު އެވެ.
އެ މެޗުގެ ނަތީޖާއާއި އެކު މާޒިޔާ އަށް ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެ ޖުމުލަ ހަތް ޕޮއިންޓާ އެކު ގްރޫޕުގެ އެއްވަނަ ލިބިފަ އެވެ. އަދި ދެވަނައިގައި އޭދަފުށި އޮތީ ކުޅުނު ތިންމެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ ދެމެޗުން ބަލިވެ ލިބުނު ތިން ޕޮއިންޓާ އެކުގަ އެވެ. ތިންވަނައިގައި ތިން ޕޮއިންޓާ އެކު ވީބީ އައްޑޫ އެފްސީ އޮތް އިރު ހަތަރު ވަނައިގައި އޮތީ އެއް ޕޮއިންޓާ އެކު އޭވައިއެލް އެވެ.
އެހެން ކަމުން ގްރޫޕު އެކެއްގެ ދެވަނަ ޓީމެއްގެ ގޮތުގައި ކުއާޓާއަށް ދާނޭ ޓީމެއް ކަނޑައެޅޭނީ މިއަދު ހަވީރު އޭވައިއެލް އާއި ވީބީ ބައްދަލުކުރާ މެޗުން ނިކުންނަ ނަތީޖާއަކުން ނެވެ. އެމެޗުން މޮޅުވާ ޓީމަކަށް ކުއާޓާ ފައިނަލަށް ދިއުމުގެ ޖާގަ އޮތް އިރު މެޗު އެއްވަރު ވެއްޖެ ނަމަ ގުރޫޕު އެކަކުން ކުއާޓާއަށް ދެވަނަ ޓީމެއްގެ ގޮތުގައި ދާނީ އޭދަފުއްޓެވެ.
ޔޫތު ޗެމްޕިއަންޝިޕް 2013ގެ ގުރޫޕު އެކެއްގެ ފަހުމެޗުގައި އޭވައިއެލް އާއި ވީބީ ބައްދަލު ކުރާމެޗު ފެށުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ދަނޑުގައި މިއަދު ހަވީރު 4:00ގަ އެވެ.