ކުރިއަށް އޮތް ހަތަރު އަހަރަށް އެފްއޭއެމްގެ ރައީސްގެ މަގާމްގައި ހުންނާނީ ކާކުތޯ ބެލުމަށް އިއްޔެ ހަވީރު އެފްއޭއެމްގެ އިދާރާގައި ވަނީ ރައީސްއަކު ހޮވުމަށް ޕްރައިމަރީއެއް ބާއްވައިފަ އެވެ. އެ އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރައްވަނީ މިހާރުގެ ރައީސް އަލީ އާޒިމާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި އޭނާ އަށް ތާއީދު ކުރައްވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލްމުހުސިން ހަމީދު (ޖޭފޯ) އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ވޯޓްލެވޭ ކުލަބްތަކަކީ ފުރަތަމަ ޑިވިޒަންގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުން ތިން ކުލަބު އަދި ތިން ވަނަ ޑިވިޝަނުން ދެ ކުލަބާ އެކު ޖުމުލަ 13 ކުލަބެވެ. އެގޮތުން އެ 13 ކުލަބުގެ ތެރެއިން އިއްޔެ ކުރިއަށްދިޔައީ ޕްރައިމަރީ އެވެ.

ޕްރައިމަރީގެ ނަތީޖާތައް ދައްކާ ގޮތުން އިއްޔެ ކުރި ހޯދީ އިދިކޮޅު ކެންޑިޑޭޓް އިލްހާމެވެ. އޭނާ ކުރި ހޯދީ ދެ ވަނަ ޑިވިޒަނާއި ތިން ވަނަ ޑިވިޒަނުން ވޯޓްލީ ފަސް ކުލަބުގެ ތެރެއިން ތިން ކުލަބުން އޭނާއަށް ލިބުނު ވޯޓާ އެކު، 3-2 އިން ކުރި ހޯދައިގެންނެވެ.

އިލްހާމަށް ލިބުނީ ދެ ވަނަ ޑިވިޝަނުގެ ތިން ވޯޓެވެ. އެއީ ރެޑްލައިނާއި ބީޖީ އާއި މެކާނޯ އެވެ. އެފްއޭއެމުގެ މިހާރުގެ ރައީސް އަލީ އާޒިމަށް ލިބުނީ އޭނާ އަށް ތާއިދުކުރާ ކުލަބުތަކުގެ މެޖޯރިޓީ އޮތް ތިން ވަނަ ޑިވިޝަނުގެ ދެ ވޯޓު އެކަންޏެވެ. އެއީ ލ. މުކުރިމަގު ޒުވާނުންގެ ޖަމިއްޔާ އާއި ކުލަބް ވެލޯޒިއާގެ ވޯޓެވެ.

އިއްޔެގެ ޕްރައިމަރީއާ އެކު މިފަހަރުގެ އިންތިހާބު ކަމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އިލްހާމް ހޯދި ކަމުގައި ވިޔަސް، އެކަން ފައިނަލް ވާނީ މިރޭ 8:30 ގައި ޒުވާނުންގެ މަރުކަޒުގައި އޮންނަ ފުރަތަމަ ޑިވިޒަންގެ ވޯޓްތަކަށް ފަހު އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިންތިހާބުގައި ފުރަތަމަ ޑިވިޝަނުން ވޯޓުލާ އަށް ކުލަބުގެ ތެރެއިން އާޒިމަށް ޔަގީންކަން އޮތީ ތިން ކުލަބެއްގެ ވޯޓެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ތިން ކުލަބު ކަމަށްވާ ނިއު އާއި ވެލެންސިއާ އަދި ވިކްޓަރީގެ ވޯޓެވެ. އަނެއް ފަސް ކުލަބުކަމަށްވާ ވީބީ އާއި މާޒިޔާ އަދި ވިޔަންސާ އާއި އީގަލްސްގެ އިތުރުން އޭވައިއެލްގެ ވޯޓު ލިބެނީ އިލްހާމަށެވެ.

އިއްޔެގެ ޕްރައިމަރީއަށް ފަހު އިލްހާމުގެ ސަޕޯޓަރުން ވަނީ އެފްއޭއެމް ސަރަހައްދުގައި އިންތިހާބު އިލްހާމް މިފަހަރު ކާމިޔާބު ކުރާނެ ކަމަށް ބުނެ އުފާ ފާޅުކޮށްފަ އެވެ. އެހެން ނަމަވެސް އެ ޕްރައިމަރީގެ ކުރިން އާޒިމް ވިދާޅުވެފައި ވަނީ އިންތިހާބު ކާމިޔާބު ކުރެއްވޭނޭ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތްކަމުގަ އެވެ.

ހުސްވި އަހަރު ބާއްވަން ޖެހޭ މި އިންތިހާބު މީގެކުރިން ދެފަހަރެއްގެ މަތިން ލަސްކޮށްފައި ވަނީ އިންތިހާބުގައި ބައިވެރިވި ކުލަބުތަކުގެ މަންދޫބުންގެ މެދުގައި ހިނގި ބޮޑެތި ހަމަނުޖެހުންތަކެއްގެ ސަބަބުން ނެވެ. އެހެންކަމުން މިފަހަރު އިންތިހާބުގެ ހުރިހާ ކަމެއް ކުރިޔަށް ގެންދަނީ ފީފާއިން ކަނޑައަޅާފައިވާ އިލެކްޓޯރަލް ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ. އަދި ކުރީފަހަރުތަކާ ހިލާފަށް މިފަހަރު އިންތިހާބުގެ ސެކިރުޓީ ބަލަހައްޓައިފައި ވަނީ ފުލުހުންކަން ވެސް ފާހަގަ ކޮށްލަން ޖެހެ އެވެ.

މީޑިއާ އަދި އެފްއޭއެމްގެ އެކްސްކޯ މެމްބަރުން ވެސް ނުވައްދައި އިއްޔެ ބޭއްވި ޕްރައިމަރީ ކުރިއަށް ގެންދިޔަ ކަމުގައި ވިޔަސް މިރޭ އޮންނަ ފައިނަލް އިންތިހާބުގައި މީޑިއާއަށް ފުރުސަތު ދޭނެ ކަމަށް އެފްއޭއެމް އިން މިއަދު ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު އަދި އޮގަސްޓް 11 ވަނަ ދުވަހު ވެސް، ނުބޭއްވުނު އެ އިންތިހާބުގެ ޕްރައިމަރީ އިއްޔެ ބޭއްވީ ވަރަށް އަމާންކޮށެވެ.