26 Jan 2013, 09:56
އައްޑޫގައި ހަމައެކަނި ހުންނަ ޕްރައިވެޓް ހޮސްޕިޓަލް، އައިއެމްޑީސީ ހޮސްޕިޓަލަށް ފަސް އަހަރު ފުރުން އިއްޔެ އައްޑޫގައި ފާހަގަކޮށްފި އެވެ.
ޒަމާނީ ވަސީލަތްތަކާ އެކު ސ. ހިތަދޫގައި ހަތަރު ބުރިއަށް ހުންނަ އެ ހޮސްޕިޓަލްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ އައްޑޫގައި ވަނީ އެ ހޮސްޕިޓަލްގެ މުވައްޒިފުނާ އެކު ހަފްލާއަކާއި ބާބާކިޔު ޑިނާއެއް ވެސް ބާއްވައިފަ އެވެ. އަދި އެ ހަފްލާގައި އެ ހޮސްޕިޓަލުގެ އިސްވެރިންނާއި އައްޑޫގެ އިސްވެރިންގެ އިތުރުން އައިއެމްޑިސީގެ ހިއްސާދާރެއް ކަމަށްވާ އަދި މިހާރުގެ ތިމާވެށީގެ ވަޒީރު ޑރ. މަރިޔަމް ޝަކީލާ ވެސް ބައިވެރިވެވަޑައިގަތެވެ.
އައިއެމްޑީސީ ހިންގަމުންދާ ސިމްޑީ ގްރޫޕުގެ އެޗްއާރް އެންޑް ޑިވެލޮޕްމެންޓް މެނޭޖާ އަހުމަދު އިރާޝް ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ބޮޑެތި ގޮންޖެހުންތަކަކާ އެކު ފެށިގެން ދިޔަ އެ ހޮސްޕިޓަލްއަކީ ކުރި މަގުއޮތް ހޮސްޕިޓަލެއް ކަމަށާއި އަދި އެ ހޮސްޕިޓަލުގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށް މަސައްކަތްކުރާ ކަމަށެވެ. އެގޮތުން ފެންވަރު ރަނގަޅު ޑޮކްޓަރުން އެ ހޮސްޕިޓަލަށް ގެންދިޔުގެ ގޮތުން އައްޑޫ ސިޓީގައި 25 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ޑރ. މެނަން މިއަންނަ މަހު އެހޮސްޕިޓަލާ ގުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިއެމްޑީސީ ހޮސްޕިޓަލުގައި މިވަގުތުވެސް އާންމު ބަލިތަކުގެ ޑޮކްޓަރަކާއި އަންހެނުންގެ ޑޮކްޓަރެއްގެ އިތުރުން ދަތުގެ އަދި ކުޑަކުދިންގެ ޑޮކްޓަރަކު މަސައްކަތް ކުރެ އެވެ. އަދި ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އޫޝާ ވަޔަދިޔަ ވެސް އެހޮސްޕިޓަލުގައި މަސައްކަތްކުރެ އެވެ. އައިއެމްޑީސީ ހޮސްޕިޓަލަކީ ޒަމާނީ ރީތި ގޮތަކަށް ފަރުމާކޮށްފައިވާ ހަތަރު ބުރީގެ ހޮސްޕިޓަލެކެވެ. އެހޮސްޕިޓަލުން ތަފާތް ޓެސްޓްތައް ހެދޭ އިރު އެޑްމިޓްވާ ބޭފުޅުންގެ ވޯޑްތަކާއި ޕްރައިވެޓް ޒަމާނީ ރޫމްތައް ވެސް ހުރެ އެވެ.