26 Jan 2013, 09:27
ޤާހިރާ (ޖަނަވަރީ 25): ދެހާސް އެގާރަ ވަނަ އަހަރުގެ ޢަރަބި ރަބީޢުގައި މިސްރަށް އައި ރައްޔިތުންގެ އިންޤިލާބަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މިސްރުގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ހަތް މީހަކު މަރުވެ 456 މީހަކު ޒަޚަމްވެއްޖެ އެވެ.
މިސްރުގެ ސިއްޙަތާ ބެހޭ ވުޒާރާ އިން ހާމަކުރާ ގޮތުގައި ހަތް މީހުން މަރުވަނީ ސްވޭސް ގައާއި އިސްމާޢީލިއްޔާގަ އެވެ. މިސްރުގެ އިންޤިލާބަށް ދެ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެގައުމުގެ 12 ގަވަނޭޓެއްގައި އާންމުން މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައިވެ އެވެ. މީގެތެރެއިން ބައެއް މުޒާހަރާތައް ކޮށްފައި ވަނީ ރައީސް މުޙައްމަދު މުރުސީ އަށް ތާއީދުކޮށެވެ. އަނެއްބައި މުޒާހަރާތައް ކޮށްފައި ވަނީ މުރުސީ އާ ދެކޮޅަށެވެ. މުޒާހަރާ ކުރަމުންދާ މީހުންނާއި މިސްރުގެ ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި އިސްކަންދަރިއްޔާގައި ފުލުހުންގެ 40 މީހަކު ޒަޚަމްވެފައިވެ އެވެ. އިސްކަންދަރިއްޔާގައި މުޒާހަރާކުރި މީހުން ފުލުހުންނަށް ޙަމަލާދިނުމުން މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ.
އިސްކަންދަރިއްޔާގައި މުޒާހަރާކުރި ފަރާތްތަކާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގީ މުޒާހަރާކުރި މީހުން ފުލުހުންނާ ދެކޮޅަށް އޮއްގަލާއި ޕެޓްރޯލް ބޮމާއި ދަގަނޑު ފަދަ ތަކެތީން ޙަމަލާ ދިނުމުން ކަމަށް ވެ އެވެ. އިސްކަންދަރިއްޔާއަކީ މިސްރުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ އެވެ. އިސްކަންދަރިއްޔާގައި މުޒާހަރާކުރި މީހުން ރައީސް މުޙައްމަދު މުރުސީ އާ ދެކޮޅަށް އަޑުއުފުލައި އޭނާގެ އިސްތިއުފާއަށް ގޮވާލާފައިވެ އެވެ.
މިސްރުގެ އިންޤިލާބަށް ދެ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ގައުމުގެ ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި ބޮޑަށް ޙަރަކާތްތެރިވަނީ ކުރީގެ ރައީސް ހުސްނީ މުބާރަކަށް ތާއީދުކުރާ ފަރާތްތަކާއި ރައީސް މުރުސީ އާ ވާދަވެރި ސިޔާސީ ފަރާތްތަކުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިސްރުގެ އިންޤިލާބަށް ދެ އަހަރު ފުރުމުގެ މުނާސަތުގައި ރައީސް މުޙައްމަދު މުރުސީ ވަނީ މިސްރުގެ ހަމަޖެހުމާއި ސުލްޙަ މަސަލަސް ކަމަށް ގޮވާލައްވާފަ އެވެ. އަދި މިސްރުގެ ރައްޔިތުންގެ އިންޤިލާބުގެ ލަނޑުދަނޑިތައް ޙާސިލް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުރުސީ ރައްޔިތުންނަށް ދެއްވި އެވެ. (އަލްޖަޒީރާ)