ކުރީގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ސަރުކާރާ އިދޮކޮޅަށް ނުކުމެވަޑައިގެން އުޅުއްވާ ނަމަ އެ ބޭފުޅަކަށް ޤާނޫނު އަސާސީން ލިބިދޭ އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަން ނުދިނުމަށް, ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތްތަކާ ބެހޭ ގާނޫނަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ އިސްލާހު ހުށަހަޅުއްވައިފި އެވެ.


މުސްތޮފާ ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމް, ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވުމަށް ފަހު ޤާނޫނެއްގެ ދަށުން މަހަކު ތިން ލައްކަ ރުފިޔާ އާއި އެ ނޫން އިނާޔަތްތައް ބޭނުންކުރައްވަމުން ގޮސް މި ސަރުކާރާ ދެކޮޅަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ނިންމެވުމުން ކަމަށެވެ. އަދި އެއީ ގައުމެއްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އުޅުއްވަން ޖެހޭ ގޮތް ކަމަށް އޭނާ ދެކެވަޑައިނުގެންނަވާ ކަމަށް ވެސް މުސްތޮފާ ވިދާޅުވި އެވެ.


މުސްތޮފާ ވިދާޅުވީ އޭނާ ދެކެވަޑައިގެންނަވާ ގޮތުގައި މިކަންކަން މިހެން އޮތް އިރު މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ދައުލަތުން އެއްވެސް އިނާޔަތެއް ދޭންޖެހޭނީ އެ މީހެއްގެ ވެރިކަމުގައި އެއްވެސް ބާވަތެއްގެ ކޮރަޕަޝަންގެ މައްސަލައެއް ނުވަތަ ހިޔާނާތުގެ މައްސަލައެއްވާ ނަމަ އެ މައްސަލައެއް ޝަރުއީ ކޯޓަކުން ބެލުމަށް ފަހު އެ ކޯޓަކުން ހުކުމެއް ކުރުމަށްފަހުގައި ކަމަށެވެ.  


"އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް އެ އިސްލާހް މަޖިލީހުން ފާސްވާނެކަން. ހުދު ޑީއާރުޕީގައި ވެސް އެބަތިބި އަޅުގަނޑުގެ މި ވިސްނުމާ އެއްގޮތް ހިޔާލުގެ މީހުން،" މުސްތޮފާ ވިދާޅުވި އެވެ.


ކުރީގެ ރައީސުންނަށް ދޭންޖެހޭ އިނާޔަތްތަކާއި ރައްކާތެރިކަމާ ބެހޭ ބިލަށް މުސްތޮފާ ވަނީ އިތުރު އިސްލާހެއް ވެސް ހުށަހަޅުއްވައިފަ އެވެ. އެގޮތުން އެ އިނާޔަތްތައް ދޭންޖެހޭނީ މިހާރު އަމަލް ކުރަމުން އަންނަ ޤާނޫނު އަސަސީގެ ދަށުން މަދުވެގެން ދެ އަހަރާއި ބައި ދުވަހު ވެރިކަންކޮށްފައިވާ ބޭފުޅަކަށް ކަމަށް ކަނޑައެޅުމަށް ވެސް ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ.


މިކަމާ ގުޅިގެން ޑީއާރުޕީން ބުނީ އެފަދަ އިސްލާހެއް މުސްތޮފާ ހުށަހެޅުއްވިކަން އަދި އެނގިފައިނުވާ ކަމަށެވެ.


ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުރި މީހަކު ކުށްވެރިނުވެ ގާނޫނީ ހަމަތަކުގެ މަތިން އެ މަގާމުން ވަކިވެއްޖެ ނަމަ، ދޭންޖެހޭ އިއްޒަތާއި ގަދަރާއި ރައްކާތެރިކަމާއި މާލީ އިނާޔަތާއި އެހެނިހެން އިނާޔަތްތައް ބަޔާންކުރާ ބިލް ވާދަވެރި ޑީއާރުޕީގެ އަގުލަބިއްޔަތުން މަޖިލީހުން ފާސްކޮށްފައި ވަނީ ވެސް ވެރިކަންކުރާ އެމްޑީޕީން އެބިލާ މެދު ވަރަށް ބޮޑަށް ހިޔާލުތަފާތުވެފައި ވަނިކޮށެވެ.