26 Jan 2013, 08:46
ފުވައްމުލަކުން ގެއްލުނު، އެ ރަށު ހޯދަނޑު ޒަމްހަރީރުގޭ މުހައްމަދު ނާފިޒް،30،ގެ ހަށިގަަނޑު ކަމަށް ޝައްކު ކުރެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ނާފިޒު ކަމަށް ޝައްކު ކުރެވޭ މީހާގެ ހަށިގަނޑު މިއަދު ހެނދުނު ފެނިފައި ވަނީ، އޭނާ މޫދަށް ފުންމާލި ކަމަށް ބުނާ ސަރަހައްދު، އަބްލެފަންނުގެ 500 ވަރަކަށް ފޫޓު އިރުން ރަށުގެ ގޮނޑު ދަށަށް ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އޭނާގެ ފައިގައި އަޅާފައި އޮތް ރަބަރު ރިންގަކުން އޭނާ އަކީ ނާފިޒު ކަމަށް އާއިލާ އިން ކަށަވަރުކޮށްދެ އެވެ.
އޭނާ ފެނިފައި ވަނީ، ފުލުހުން ބުނި ގޮތުގައި، އޭނާ ހޯދުމަށް މަސައްކަތް ކުރި ފުލުހުންގެ ޓީމަކަށެވެ. ނަމަވެސް އެ ވަގުތު އެ ސަރަހައްދުގައި އާންމުންގެ މީހަކު ވެސް ހުރި ކަމަށް ފުލުހުން ބުންޏެވެ.
ފުވައްމުލަކުން މަހަށް ދިޔުމަށް ފަހު އެނބުރި ރަށަށް އައި ތިން މީހުންގެ ތެރޭގައި ހިމެނޭ ނާފިޒު ރަށަށް އެރުމަށް މޫދަށް ފުންމާލި ކަމަށް އަނެއް ދެ މީހުން ވަނީ ބުނެފަ އެވެ. އެ އަށް ފަހު އެ ރަށު މީހުންނާއި ފުލުހުން ވެގެން އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ހޯދަޑުކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް ވިދާޅުވި ގޮތުގައި ނާފިޒު ރަށަށް އަރަންވެގެން ފުންމާލީ ތެޔޮއެޅި ހަމަކާ އެކު އެވެ. އަދި އޭނާ ފުންމާލި ސަރަހައްދު ބަލައި ޗެކްކުރި އިރު އޭނާގެ މޯބައިލް ފޯނު ކަމަށް ބެލެވޭ ފޯނެއް ފެނިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ވިދާޅުވީ މަސްދޯނީގައި އެތިން މީހުން ރަށަށް އެނބުރި އައީ އައްޑޫ ސިޓީން މަސްތުވާތަކެތި ގަނެގެންކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އެ ދޯނިން އައި ދެ މީހުންގެ ތެރެއިން އެކަކު ދެއްކި ވާހަކައަކާ މެދު ހިތްހަމަނުޖެހިގެން އެރަށު މީހަކު ތޫނުއެއްޗެއް އޭނާގެ ބޮލަށް ހަރާލުމުން ހޮސްޕިޓަލްގައި އޭނާ އަށް ފަރުވާދިން ކަމަށް ވެސް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
ނާފިޒު ގެއްލުނު މައްސަލައާ ގުޅިގެން އެ ދޯނިން މަހަށް ދިޔަ އަނެއް ދެ މީހުންން ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ.