"ޕިސްޓަން މޮޓޯ ރޭސިން ޗެލެންޖް 2013" ހުކުރުދުވަހުގެ ރޭ ހުޅުމާލޭގައި ފަށައިފިއެވެ. ރޭސިން މުބާރާތް ރަސްމީކޮށް ފެށުނީ މުބާރާތުގެ ޝަރަފްވެރި މެހެމާން މިނިސްޓަރު އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ އަޙްމަދު އަދީބު އެމުބާރާތް ބާއްވާ ޓްރެކް ރަސްމީކޮށް ހުޅުއްވައި ދެއްވުމުންނެވެ.

ރޭސިން އިވެންޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ އަދުގެ ސަރުކާރަކީ ޒުވާނުންނަށް ރަނގަޅު ގޮތްތައް ފަހިކޮށްދިނުމަށް ގިނަގުނަ މަސައްކަތް ކުރާ ސަރުކާރެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ވެސް ދިވެހި ޒުވާނުންނަކީ އަހްލާގު ރަނގަޅު ގައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރާ ބަޔަކު ކަމުގައި ހެދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރަކުން ނުބުނާނަން ޒުވާނުން ކައިރީ މަގުމައްޗަށް ނުކުމެ ތަންތަނަށް އެއްވާކަށް. އަޅުގަނޑުމެން ނުބުނާނަން ޒުވާނުން ކައިރީ ތަންތަނުގައި ހުޅުޖަހާކަށް... އަޅުގަނޑުމެންގެ ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ޒުވާނުންނަކީ ގައުމަށް ފައިދާކުރާ ރަނގަޅު ބަޔަކު ކަމުގައި ހެދޭތޯ،" އަދީބު ވިދާޅުވި އެވެ.

އަދި އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރުން ވިސްނާފައިވަނީ، ދިވެހި ޒުވާނުންނަށް ރޭސިންގެ ރޮނގުން ކުރިއަށްދިއުމަށް މަގުފަހިކުރުމާއި އަދި އެކުޅިވަރުގައި ގައުމަށް ރީތިނަމެއް ހޯދައި ދިނުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން ޒުވާނުންނަށް އެކަމަށް ބޭނުންވާނޭ ވަސީލަތްތައް ތަނަވަސް ކޮށްދިނުމަށެވެ.

އެގޮތުން ހުޅުމާލޭގައި ރޭސިންއަށް ބޭނުން ކުރާ އުޅަނދުތައް ބަހައްޓާނޭ ވަކި ސަރަހައްދެއް ގާއިމުކުރުމާއި، 18 އަހަރު ނުފުރޭ ކުދިންނަށް ވެސް ރޭސިންގެ ރޮނގުން ކުރިއަށް ދިއުމުގެ މަގު ތަނަވަސް ކޮށްދެއްވުމަށް ސަރުކާރުން ވިސްނާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޕިސްޓަން ގުރޫޕުން އިންތިޒާމް ކޮށްގެން މޯލްޑިވްސް މޮޓޯ ރޭސް އެސޯސިއޭޝަން (އެމްއެމްއާރުއޭ) އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ކުރިއަށްގެންދާ އިންވެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އަދި އެކްޓިންގ ޓްރާންސްޕޯޓް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްވެސް ބައިވެރިވެ ވަޑައިގަތެވެ.

ހުކުރުދުވަހުގެ ހެނދުނާއި މެންދުރު ފަހު ހުޅުމާލޭގައި ވަނީ އެ މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ކޮލިފައިން އިވެންޓުތައް ކުރިއަށް ގެންގޮސްފަ އެވެ. އަދި ހަވީރު ފަހަކުން ހަޔަކަށް ކުޑަކުދިންނަށް ހާއްސަކޮށްގެން ހަރުބީގެ ބޮޑުބެރު އިވެންޓަކާއި ފަޔަޑާންސިން އާއި އަދި ރޭހުގައި ބައިވެރިވާ ފަރާތްތަކުން ބޭނުންކުރާ ސައިކަލްތަކާއި ކާރުތަކުގެ ސްޓަންޓްތައް ދައްކައިލުން އޮތެވެ.

އަދި މުބާރާތް ރަސްމީކޮށް ފެށުމަށްފަހު ކުރިޔަށް ގެންދިޔަ އިވެންޓުތަކުގެ ތެރޭގައި ޑްރެގް ރޭސިން 250ސީސީ ޗޮޕަބައިކް، 400 ސީސީ ޗޮޕަބައިކް، 2000 ސީސީން ދަށުގެ ކާރު، އަދި 2000 ސީސީން މަތީގެ ކާރުގެ ޑްރެގްރޭސްތައް އޮތެވެ. އޭގެ އިތުރުން އެސަރަހައްދުގައި ކޮޕްސް ބޭންޑުގެ ލައިވް މިއުޒިކާއި، ޓިޝޫފޭސް، ފަޔަޑާންސިން އަދި ހަރުބީގެ ބޮޑުބެރު ކުރިއަށް ގެންދިޔަ އެވެ.

ޕިސްޓަން މޮޓޯ ރޭސިން ޗެލެންޖު 2013ގެ ފައިނަލްތައް ކުރިއަށް ގެންދާނީ ހޮނިހިރު ދުވަހު އެވެ، އަދި މުބާރާތުގައި ވަނަވަނައަށް އަންނަ ފަރާތްތަކަށް އިނާމު ދިނުން އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ރޭސްޖެހުމަށް ކަނޑައަޅާފައި އޮތް ސަރަހައްދުގައި ބޭއްވޭ ހާއްސަ ހަފުލާއެއްގަ އެވެ. އެ ހަފްލާގައި ރާއްޖޭގެ މަޝްހޫރު ބޭންޑުތަކުގެ ލައިވް މިއުޒިކާއި، ބޮޑުބެރާއި ފަޔަޑާންސްގެ އިތުރުން އިވެންޓުގެ ނިންމުން ފާހަގަކުރުމުގެ ގޮތުން ބަޑިބޭހުގެ ކުޅިވަރުތައް ދައްކާލާގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.