26 Jan 2013, 02:30
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުން ވޯޓުލާނެ ޓީމުތައް ކަނޑައަޅައިފި އެވެ.
އެފްއޭއެމްގެ އިލެކްޝަންގައި ވޯޓުލާނޭ ކުލަބުތައް ކަނޑައެޅުމަށް ހުކުރު ދުވަހު ހަވީރު އެފްއޭއެމްގައި ބޭއްވި ޕްރައިމަރީގައި ދެވަނަ ޑިވިޝަނުން ވާދަކުރި ހަ ކުލަބުގެ ތެރެއިން ޕްރައިމަރީ ކާމިޔާބުކުރީ ކްލަބް މެކާނޯ އާއި ބީޖީ ސްޕޯޓްސް ކްލަބާއި ރެޑްލައިން ކުލަބެވެ.
ޕްރައިމަރީގައި ވާދަކުރި އަނެއް ތިން ކުލަބަކީ ގާމަގާއި ހުއްރިއްޔާ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވިކްޓަރީ އެވެ.
ފުރަތަމަ ޑިވިޝަންގެ އަށް ކުލަބާއި އެކު ދެވަނަ ޑިވިޝަނުން ހޮވުނު ތިން ކުލަބާ އެކު އިލެކްޝަންގައި ވޯޓްލުމަށް ފުރުސަތު ލިބިފައިވާ ތިންވަނަ ޑިވިޝަންގެ ދެ ޓީމަކީ މުކުރިމަގު ޒުވާނުންގެ ޖަމިއްޔާއާއި ކުލަބް ވެލޯޒިޔާ އެވެ.
ދެވަނަ ޑިވިޝަންގެ ޕްރައިމަރީގެ ނަތީޖާ ނުކުތް ގޮތުން ގިނަބަޔަކު ގަބޫލު ކުރާގޮތުގައި މިފަހަރުގެ އެފްއޭއެމްގެ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ އެ އިންތިހާބުގައި ވާދަކުރާ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދަށެވެ. ދެވަނަ ޑިވިޝަނުން އިންތިހާބުގައި ވާދަކުރުމަށް ހޮވުނު ތިން ޓީމުގެ ވެސް ތާއީދު އޮތީ އިލްހާމަށް ކަމަށް ހަބަރު ލިބެއެވެ. ހަމަ އެހެންމެ ފުރަތަމަ ޑިވިޝަނުގެ ވީބީ އައްޑޫ އެފްސީ އާއި، މާޒިޔާ އާއި އޭވައިއެލްގެ އިތުރުން ކުލަބު އީގަލްސް ވެސް ތާއީދު ކުރަނީ އިލްހާމަށް ކަމަށް މައުލޫމާތު ލިބެއެވެ.
އެފްއޭއެމްގެ އިންތިހާބުގައި މިފަހަރު ވާދަކުރާ އަނެއް ކެންޑިޑޭޓަކީ މިހާރު ވެސް އެ އިދާރާގެ ރައީސްގެ މަގާމުގައި ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމެވެ. އާޒިމަށް ތާއީދުކުރާ ކުލަބުތައް ކަމަށް ބެލެވެނީ ތިންވަނަ ޑިވިޝަންގެ ދެ ޓީމާއި އަދި ފުރަތަމަ ޑިވިޝަންގެ ނިއުރޭޑިއަންޓު، ވިކްޓަރީ، ވެލެންސިޔާ އަދި ވިޔަންސާއެވެ.
ޖުމުލަ 13 ޓީމަށް ވޯޓުލުމުގެ ފުރުސަތު ލިބޭ މި އިންތިހާބުގައި އިލްހާމަށް ހަތް ވޯޓު ލިބޭނޭކަން ޔަގީންކަމަށް ބަލައި އިލްހާމުގެ ސަޕޯޓަރުން ވަނީ ހުކުރު ދުވަހު ހަވީރު އެފްއޭއެމް ސަރަހައްދުގައި އެކަން ވަރަށް ބޮޑަށް ފާހަގަކޮށް އުފާ ފާޅުކޮށްފަ އެވެ. އެހެން ނަމަވެސް އެ ޕްރައިމަރީގެ ކުރިން އާޒިމް ވިދާޅުވެފައި ވަނީ އިންތިހާބު ކާމިޔާބު ކުރެއްވޭނޭ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތްކަމުގަ އެވެ.
ހުސްވި އަހަރު ބާއްވަންޖެހޭ މި އިންތިހާބު މީގެކުރިން ދެފަހަރެއްގެ މަތިން ލަސްކޮށްފައި ވަނީ އިންތިހާބުގައި ބައިވެރިވި ކުލަބުތަކުގެ މަންދޫބުންގެ މެދުގައި ހިނގި ބޮޑެތި ހަމަނުޖެހުންތަކެއްގެ ސަބަބުން ނެވެ. އެހެންކަމުން މިފަހަރު މި ބޭއްވޭ އިންތިހާބުގެ ހުރިހާ ކަމެއް ކުރިޔަށް ގެންދަނީ ފީފާއިން ކަނޑައަޅާފައިވާ އިލެކްޓޯރަލް ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ.
އަދި ކުރީފަހަރުތަކާ ހިލާފަށް މިފަހަރު އިންތިހާބުގެ ސެކިރުޓީ ބަލަހައްޓައިފައި ވަނީ ފުލުހުންކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، އެފްއޭއެމްގެ އިންތިހާބު އޮންނާނީ ޒުވާނުންގެ މަރުކަޒުގައި ރޭގަނޑު 8:30 ގައެވެ.