25 Jan 2013, 23:55
އިންޑިޔާގެ 63 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިޔަން ހައިކޮމިޝަނުން އިންތިޒާމް ކޮށްގެން ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ރަސްމިއްޔާތެއް ބާއްވައިފިއެވެ.
ރާއްޖޭގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ އިންޑިޔާގެ ބައެއް ރައްޔިތުން ވެސް ބައިވެރި ވި މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ.
މި ރަސްމިއްޔާތުގައި އިންޑިޔާގެ ހައިކޮމިޝަނަރު ޏާނޭޝްވަރު މުލޭ ދެއްކެވި ވާހަކައިގައި އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން ފާހަގަ ކުރައްވައި، ދެ ގައުމުގެ ލާބައަށް ޓަކައި މި ގުޅުން އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އިންޑިޔާ ސަރުކާރުގެ އެހީގައި އިމާރާތް ކުރަމުންގެންދާ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ އާ އިމާރާތުގެ މަސައްކަތް ވެސް މާ ދިގު ނޫން މުއްދަތެއްގެ ތެރޭގައި ނިމި ދިވެހި ސަރުކާރާ ހަވާލު ކުރެވޭނެ ކަމަށް ވެސް ހައިކޮމިޝަނަރު މުލޭ ވިދާޅުވިއެވެ.
ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ ދެއްކެވި ވާހަކައިގައި ދިވެހިރާއްޖެ އާއި އިންޑިޔާގެ ގުޅުމަކީ ސިންދު ވާދީގެ ރަށްވެހިކަން ނުވަތަ އިންޑަސް ވެލީ ސިވިލައިޒޭޝަނުގެ ޒަމާނުއްސުރެ ވެސް އޮތް ގުޅުމެއް ކަން ބަޔާން ކުރައްވަމުން، މިކަން ރާއްޖޭގެ ރަށްރަށުން ފެނިފައި ހުރި އާސާރީ ތަކެތީން ވެސް ސާބިތުވާ ކަމަށް ވިދާޅުވެ، އިންޑިޔާ އާއި ރާއްޖެއާ ދެމެދު ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.
އިންޑިޔާގެ ހައިކޮމިޝަނަރާއި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲގެ ވާހަކަފުޅަށް ފަހު ދެން އޮތީ ދިވެހިރާއްޖޭގެ އަމިއްލަ ޖަމިއްޔާތަކުން ހިންގާ އިޖްތިމާއީ ހަރަކާތްތަކާއި އެ ޖަމިއްޔާތަކުން މުޖުތަމައުގައި ތަފާތު ފަންނުތައް ދިރުވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން އިންޑިޔާ ހައިކޮމިޝަނުން ދޭ ރަމްޒީ އެހީ އާއި ހަނދާނީފިލާ އެ ފަރާތްތަކާ ހަވާލުކުރުމެވެ.
ހަނދާނީފިލާ އާއި ރަމްޒީ އެހީ ޖަމިއްޔާތަކާ ހަވާލުކޮށް ދެއްވީ ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. ޢަބްދުއްޞަމަދު ޢަބްދުﷲ އާއި އިންޑިޔާގެ ހައިކޮމިޝަނަރު ޝްރީ ޏާނޭޝްވަރު މުލޭއެވެ.
ހަނދާނީފިލާ އާއި ރަމްޒީ އެހީ ލިބުނު ޖަމިއްޔާތަކަކީ މޯލްޑިވްސް ފިލްމު އެސޯސިއޭޝަނާއި، ޔުނައިޓެޑް އާޓިސްޓްސް އޮފް މޯލްޑިވްސް (ޔޫ.އޭ.އެމް) އާއި އޮރިއެންޓަލް ސޮސައިޓީ ފޯ ލިޓަރޭޗާ، އެންސެސްޓްރަލް ސްޓަޑީޒް އެންޑް ހިސްޓްރީ (އޯސްލޭޝް) އާއި ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިޔާ-މޯލްޑިވްސް (ފައިމް) އާއި އިންޑިޔާ ކްލަބް މޯލްޑިވްސް އެވެ.
މީގެ އިތުރުން ދިވެހި ބަހުގެ އެކަޑެމީއަށް ވެސް އިންޑިޔަން ހައިކޮމިޝަނުން ހަނދާނީފިލާ އާއި ރަމްޒީ އެހީ ދީފައިވާ އިރު، ވަކި ދެ ފަރުދަކަށް ވެސް ހަނދާނީފިލާ ދީފައިވެއެވެ. ހަނދާނީފިލާ ލިބުނު ވަކި ދެ ފަރުދުންނަކީ މަޝްހޫރު ޕްރެޒެންޓާ މަރިޔަމް ވަހީދާ އާއި މިއުޒިކީ ފަންނާނެއް ކަމަށް ވާ އަބްދުﷲ އީސާފުޅު (އީސަ) އެވެ.
މި ރަސްމިއްޔާތުގައި ދެން އޮތީ އިންޑިޔާ ކަލްޗަރަލް ސެންޓަރުގެ ކަތަކް ޑާންސް ކުލާހުގެ ދަރިވަރުން ހުށަހަޅައި ދިން ނެށުމުގެ އައިޓަމްތަކާއި އިންޑިޔާ ކަލްޗަރަލް ސެންޓަރުގެ ތަބްލާ ޓީޗަރު އިސްލާމް ޚާނާއި ދިވެހި ފަންނާނުން ހުށަހަޅައިދިން މިއުޒިކުގެ އައިޓަމެކެވެ. ކަތަކް ޑާންސް ކުލާހުގެ ދަރިވަރުން ވަނީ އިންޑިޔާގެ ބައެއް ސްޓޭޓުތަކުގެ ސަގާފަތު ދައްކުވައިދޭ އައިޓަމެއް ވެސް ހުށަހަޅައިފައެވެ.
އިންޑިޔާގެ ޖުމްހޫރީ ދުވަހަކީ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހެވެ.