25 Jan 2013, 20:47
ފެމިލީ ކޯޓުގެ އަމުރަކާ ހިލާފުވެފައިވާ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފެމިލީ ކޯޓުގެ އަމުރަކާ ހިލާފްވެފައިވާތީ ފުލުހުން ހޯދަމުން ދަނީ ކ.މާލެ މ.މަރިއާޒީ، އަހުމަދު ނައުފަލް (39އ) އެވެ. ނަމަވެސް ފެމެލީ ކޯޓުގެ އަމުރާ އޭނާ ހިލާފުވެފައިވާ ގޮތުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެ އަމުރުގައި ބުނާ ކަންތައްތަކެއް ވެސް ފުލުހުން ނުބުންޏެވެ.
އަޙުމަދު ނައުފަލް ހޯދުމަށް ފުލުހުން ފަށާފައި ވަނީ އޭނާގެ މައްޗަށް ފެމިލީ ކޯޓުން ކޮށްފައިވާ އަމުރަކަށް ނައުފަލް ޚިލާފުވެފައި ވާތީ އެ އަމުރު ތަންފީޒު ކުރުމަށް ފެމިލީ ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކުރުމާއި ގުޅިގެންނެވެ.
ފުލުހުން ބުނީ އަޙުމަދު ނައުފަލް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާ ކަމަށާއި އަހުމަދު ނައުފަލް އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތަކުން ފުލުހުންނަށް ގުޅުއްވައި މަޢުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.