25 Jan 2013, 19:38
"އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގައި، ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގައި ހަ މީހަކާއި 18 އަހަރުން ދަށުގެ ހަތަރު ކުޑަކުއްޖަކު އައްޑޫއިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި މީހުންގެ ތެރެއިން ފަސް މީހުންނަކީ މިދިޔަ ބުދަ ދުވަހުގެ ރޭ 9:30 ހާއިރު އައްޑޫ ސިޓީ މަރަދޫގެ ގެއެއްގެ ކުރިމަތީގައި ހުރި ޖޯލިފައްޗެއްގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ބޭނުންކުރަމުން ދަނިކޮށް ހައްޔަރު ކުރި މީހުން ކަމަށެވެ. އެ ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބެލިބެލުމުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސްޕްރައިޓް ހުސްކުރި ދެ ފުޅި ފެނިފައިވާ ކަމަށެވެ.
ފުލުހުން ހިންގި އޮޕަރޭޝަންގައި އިއްޔެ ހަވީރު 4:10 ހާއިރު އައްޑޫ ސިޓީ ހިތަދޫ އީދުގަލިކިޅި ސަރަޙައްދު، ވަލުތެރޭގައި ބަޔަކު ބަނގުރާ ކައްކަމުންދާ ކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން އެ ސަރަޙައްދަށް ގޮސް ބެލިބެލުމުން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ފުޅިއާއެކު 18 އަހަރުގެ މީހަކާއި ހަތަރު ކުއްޖަކު ހައްޔަރު ކުރި އެވެ. އަދި އެސަރަހައްދު ބަލާ ފާސްކުރި ކުރުމުން، ބަނގުރާ ކައްކަން ބޭނުންކުރި ކަމަށް ބެލެވޭ ބައެއް އާލާތްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިދެ މައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.