05 Oct 2010, 06:15
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ސެކެރްޓަރީ ޖެނެރަލް ކަމަށް ކުރިމަތިލި، ފަރާތްތަކުގެ ޝަތުރު ހަމަނުވުމުން މަގާމުގެ ޝަތުރުތައް ލުއިކޮށް އަލުން އިއުލާންކޮށްފި އެވެ.
ޖޭއެސްސީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަކީ މުސާރަ އަށް 20500ރ. އަދި ލިވިން އެލަވަންސަށް 15000ރ.އާ އެކު ޖުމްލަ 35500ރ. ލިބޭ މަގާމެކެވެ.
ޖޭއެސްސީ އިން ބުނީ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވައިލުމުން ފަސް ފަރާތަކުން ކުރިމަތިލި ކަމަށާއި ނަމަވެސް އެއިން އެއްވެސް ފަރާތެއް އެ މަގާމަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ.
ޖޭއެސްސީގެ ސެކްރެޓްރީ ޖެނެރަލްގެ މަޤާމުގެ ފުރުސަތު ހުޅުވައިލި އިރު ތަޢުލީމާއި ތަޖުރިބާގެ ޝަރުޠުގެ ގޮތުގައި ގަވަނަންސްގެ ދާއިރާ ނުވަތަ ގާނޫނީ ދާއިރާ ނުވަތަ ޕޮލިޓިކަލް ސައެންސް ނުވަތަ ހިންގުމުގެ ދާއިރާ އިން ފުރަތަމަ ޑިގްރީއާ އެކު، މާސްޓާސް ޑިގްރީއެއް އޮތުމާއި ހިންގުމުގެ ދާއިރާގެ އެގްޒެކެޓިވް ލެވަލްގެ މަޤާމެއްގައި ހަތަރު އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން ޝަރުތުކޮށްފައިވެ އެވެ.
ޖޭއެސްސީ އިން ބުނީ އެ ޝަރުތުތަކާ އެކު ކުރިމަތިލީ ފަރާތްތަކުގެ ޝަރުތު ހަމަ ނުވުމުން މިހާރު އެ މަގާމަށް ކަނޑައަޅާފައިވާ ޝަރުތުތައް ލުއިކޮށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަލުން ޝަރުޠުތައް ލުއިކުރުމަށް ކޮމިޝަނުން ނިންމީ ކުރިން ކުރިމަތިލީ ފަރާތްތަކުގެ މަޢުލޫމާތު ދިރާސާކުރަން އެކުލަވާލި ކޮމެޓީން ކޮމިޝަނަށް ހުށަހެޅި ރިޕޯޓުގައި، މިހާރު ކަނޑައަޅާފައިވާ ޝަރުޠުތައް ބޮޑު ކަމަށާއި އެ ޝަރުތުތައް ލުއިކުރުމަށް އެދުމުން ކޮމިޝަންގެ މެންބަރުން އެކަމަށް ބަހުސްކޮށްފައި ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީ އިން ޝަތުރުތައް ލުއި ކުރުމުން ކޮންމެ ދާއިރާއަކުން ވެސް މާސްޓާސް ޑިގްރީއެއް ނަމަ، ހިންގުމުގެ ދާއިރާގެ އެގްޒެކެޓިވް ލެވަލްގެ މަޤާމެއްގައި ދެ އަހަރުގެ ތަޖުރިބާ އަދި ޑިގްރީއަކާއެކުގައި ނަމަ ހަތަރު އަހަރުގެ ތަޖުރިބާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.