ރާއްޖޭގައި ޢަދުލުވެރި ވެރިކަމެއް ޤާއިމުކުރައްވައި ދެމެހެއްޓެވުމަށް ކުރައްވަންޖެހޭ ހުރިހާ ކަމަކަށް ސަމާލުވެވަޑައިގެން، އެގޮތުގައި ކުރިއަށް ވަޑައިގަތުމަށް، ވެރިކަމުގެ ހިއްސާ އުފުއްލަވާ އަދި ވެރިކަމުގެ ތެރޭގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު އިލްތިމާސް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ފޭދުއަށް ވަޑައިގެން ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ގާއިމުކޮށްފައިވާ ޑިމޮކްރެސީގެ މަގްޞަދަކީ، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމާއި ޢަދުލުވެރި ވެރި ކަމެއް ޤާއިމު ކުރުން ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ކުރެއްވުމަށް ގަދަ އަޅައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެ ކަމަށާއި، ރަނގަޅު ވެރިކަމެއް ކުރެވޭނީ ވެސް ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވައިގެން ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ބޭނުންފުޅަކީ ވެސް، ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ އަޑު އައްސަވައި، ރައްޔިތުން ބޭނުންވާ ކަން ކަމަކީ ކޮބައިތޯ ބެއްލެވުން ކަމުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިރާދަކުރެއްވިއްޔާ އެއްވެސް ރަށަކަށް އަދި އެއްވެސް ސިޔާސީ ޕާޓީއަކަށް އަދި ހުރިހާ އެންމެންނަށް ވެސް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކީގައި ދައުލަތުގެ ފަރާތުން ދެއްވަންޖެހޭ ޚިދުމަތްތައް ދެއްވުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ. މިކަމަކީ، އަޅުގަނޑުމެންގެ ދީނާއި ދުސްތޫރު އަޅުގަނޑުމެންނަށް ލާޒިމު ކުރާ ކަމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައްޔިތުންގެ މުދަލަށާއި ފައިސާއަށް އަމާނާތްތެރިވުމަކީ ވެރިންނަށް ލާޒިމު ކަމެއް ކަމަށާއި، ވީހާވެސް އިސްރާފު ކުޑަކޮށް، ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރަންޖެހޭ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރީ ފޭދުއަށް މިކުރެއްވި ދަތުރުފުޅުގައި، އެރަށުގައި އަލަށް ޢިމާރާތްކުރާ މިސްކިތުގެ ބިންގަލާއި، ސަރުކާރުން އަލަށް ޢިމާރާތްކޮށްދެއްވާ ސްކޫލްގެ ބިންގާ މިއަދު މެންދުރުފަހު އަޅުއްވައިދެއްވި އެވެ.