ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ބަލައި ދިނުމަށް އެދި 30،000 އަށް ވުރެ ގިނަ މީހުން ސޮއި ކޮށްފައިވާ ޕެޓިޝަނެއް އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށަހަޅައިފި އެވެ.

މިއަދު ހަވީރު އެމްޑީޕީން މާލޭގައި ބޭއްވި ހިނގާލުމުގައި ރައްޔިތުންގެ މަޖިލީހާ ހަމައަށް ޕެޓިޝަން ހިފައިގެން ދިޔައީ މުޒާހަރާގެ ބައިވެރިންނެވެ. އަދި މަޖިލީސް ކުރިމައްޗަށް ޕެޓިޝަން ހިފައިގެން ދިޔުމާއެކު އެމްޑީޕީއަށް ނިސްބަތްވާ މަޖިލީސް މެންބަރުން ވަނީ މަޖިލީހުގެ ތެރެއަށް ޕެޓިޝަން ވައްދާފަ އެވެ.

އެ ޕެޓިޝަންގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ ގާނޫނުއަސާސީ އާއި ގާނޫނާ ޚިލާފަށް ބަޣާވާތުގެ ތެރެއިން އުފެއްދި ޣައިރުގާނޫނީ ސަރުކާރެއްކަމަށް އެޕާޓީން ގަބޫލު ކުރާކަމަށެވެ. އަދި ފެބްރުއަރީ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވީ ބަޔަކު ކުރި ބަޣާވާތަކުން ކަމަށާއި އެކަން ކުރި މީހުންގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތުގެ ކުރިމައްޗަށް ގެންދިޔުމަށް ވެސް އެ ޕެޓިޝަންގައި އެމްޑީޕީން ވަނީ އެދިފަ އެވެ.

މި ސަރުކާރު ބަލައިނުގަންނަކަން އިއުލާން ކޮށްދެއްވައި، ގާނޫނު އަސާސީން މަޖިލީހަށް ލިބިފައިވާ ބާރުތަކުގެ ދަށުން ވީއެންމެ އަވަހަކަށް ރިޔާސީން އިންތިޚާބެއް ބާއްވައިދިނުމަށް ވެސް އެމްޑީޕީގެ ޕެޓިޝަންގައި ވަނީ އެދިފަ އެވެ.

އެމްޑީޕީން ޕެޓިޝަން ހުށަހެޅި ވަގުތު މަޖިލީހުގެ އިދާރާ ކުރިމަތީ ހުންނަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ޕެޓިޝަން ކޮމެޓީގެ މުގައްރިރު ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ އެ މައްސަލަ ބެލުމަށް އާދީއްތަ ދުވަހު އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮމެޓީގެ މަސައްކަތްތައް ފެށުމުން އެ މައްސަލައިގައި އިންޓަވިއު ކުރަން ޖެހޭ ފަރާތްތަކަކީ ކޮބައިކަން އެނގިގެންދާނެ ކަމަށާއި އެ މައްސަލަ ބެލުމަށް ނުފޮރުޅާނެ އެންމެ ގާކޮޅެއް ވެސް ނުބާއްވާނެ ކަމަށެވެ.

"މަސައްކަތް ކުރަން ފެށީމާ، މީގެތެރެއަށް ފުންކޮށް ވަދެވުނީމާ އެނގޭނީ ކޮންބޭފުޅުންނަކާ ތޯ އިންޓަވިއު ކުރަންޖެހޭނީ. މިކަން ބެލުމަށް އަޅުގަނޑުމެން ފުރޮޅަންޖެހޭ ވަރަށް ގިނަ ގާތަކެއް ހުންނާނެ. މިކަމުގައި އަޅުގަނޑުމެން ނުފުރޮޅާނެ އެންމެ ގާކޮޅެއް ވެސް ނުބާއްވާނަން،"ކާނަލް ވިދާޅުވި އެވެ.

ވެރިކަން ބަދަލުވިގޮތް ބަލައި ދިނުން އެދި އެމްޑީޕީން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު ވެރިކަން ބަދަލުވިގޮތް ތަހުގީގު ކުރުމަށް ފަހު ކޯނީން ނެރުނު ރިޕޯޓް ފުރިހަމަ ނޫންކަމަށް ބުނެ އެކަން ހިނގައިފައިވާ ގޮތް ބެލުމުގެ މަސައްކަތް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ވަނީ ފަށާފަ އެވެ.