ގއ. ގެމަނަފުށީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

ގެމަނަފުށީ ކައުންސިލްގެ ރައީސް އާސިމް މުހައްމަދު، މިއަދު ވިދާޅުވީ އެރަށު ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީން ފެށީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށާއި އެ މަސައްކަތް 10 މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން އެ ރަށު ކައުންސިލަށް ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެރަށުގައި ހަދާ ބަނދަރަކީ ދިގުމިނުގައި 1000 ފޫޓު އަދި ފުޅާމިނުގައި 300 ފޫޓު ހުންނަވަރުގެ ބަނދަރެއް ކަމަށާއި ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ ރައްޔިތުން އެންމެ ހިތް ހަމަޖެހޭ ގޮތަށް ކަމަށެވެ.

އެމްޓީސީސީގެ ޓީމް އިއްޔެ ހަވީރު އެ ރަށަށް ދިޔުމާ އެކު އެ ޓީމަށް މަރުހަބާ ކިޔުމަށްޓަކައި ރަށުގެ ރައްޔިތުން ދެކުން ހިފައިގެން ދިޔަކަމަށް ވެސް އާސިމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެ ރަށަށް ވަޑައިގެން ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ތާ ގިނަ ދުވަސްތަކެއް ނުވަނީސް ފެންވަރު ރަނގަޅުކޮށް އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައިވާތީ ރަށު ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ޝުކުރު ދަންނަވާކަމަށް ވެސް އާސިމް ވިދާޅުވި އެވެ.

"މިހާރު މިރަށުގައި ހަދާން ފަށާފައި މިވަނީ 1000 ފޫޓް 300 ފޫޓްގެ ބަނދަރެއް. ބަނދަރު ހެދުމުގެ މަސައްކަތް ކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. ވަހީދު މި ރަށަށް ވަޑައިގެން ވިދާޅުވި ތާ މާގިނަ ދުވަސްތަކެއް ނުވަނީސް ރާއްޖޭގައި ހެދޭ އެންމެ ފެންވަރު ރަނގަޅު އެއް ބަނދަރުގެ ގޮތުގައި މިރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައިވާތީ ގެމަނަފުށީ ރައްޔިތުންގެ ނަމުގައި ރައީސް ޑރ. ވަހީދަށް އަޅުގަނޑު ޝުކުރު ދަންނަވަން،" އާސިމް ވިދާޅުވި އެވެ.

ގެމަނަފުށްޓަކީ މަސްވެރި ރަށެއް ކަމަށް ވުމާއެކު ރަނގަޅު ބަނދަރެއް ނެތިގެން އެ ރަށުގެ ރައްޔިތުން އެކަމުގެ ޝަކުވާ ކުރާތާ ވަނީ ވަރަށް ގިނަ އަހަރުތަކެއް ވެފައެވެ.