25 Jan 2013, 14:33
ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާ ކުރެއްވުމަށް ވާހަކަ ދެއްކެވުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ހާއްސަ މަންދޫބް ޑޮނަލްޑް މެކިނަން މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝަރުމާގެ އޮފީހުން ރޭ ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ހާއްސަ މަންދޫބު މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ކުރައްވާ ދަތުރުފުޅަކީ ކޮމަންވެލްތުން ރާއްޖެއާ އެކު ބާއްވާ އެންގޭޖުމަންޓުގެ ބައެއްގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ޝަރުމާގެ ބަޔާނުގައި ބުނެފައި ވަނީ ކުރީގެ ސެކްރެޓަރީ ޖެނެރަލްއެއްގެ ގޮތުން ޑޮނަލްޑް މެކިނަން އަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އަދި ރާއްޖެ މަލްޓި ޕާޓީ ޑިމޮކްރަސީއަށް ބަދަލު ކުރުމުގެ ހިއްސާދާރެއް ކަމަށެވެ.
"ސާ ޑޮނަލްޑްގެ ހާއްސަ މަސްއޫލިއްޔަތަކީ ރާއްޖޭގެ ޑިމޮކްރަޓިކް އިންސްޓްޓިއުޓްތައް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެއްވުން. އަދި އެކަންކަން ހަރުދަނާ ކުރުމަށް ކޮމަންވެލްތަށް ކުރެވޭނީ ކޮން ކަމެއްތޯ ބެއްލެވުން،" ޝަރުމާގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.
ޝަރުމާ ވިދާޅުވެފައި ވަނީ ސާ ޑޮނަލްޑްގެ ދަތުރުފުޅުގައި ރާއްޖޭގެ މަސްއޫލު ފަރާތްތަކާ ބައްދަލު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޝަރުމާގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ވެރިކަން ފެބްރުއަރީ7، 2012ގައި ބަދަލުވުމުގައި ފުލުހުން ހިންގި އަނިޔާވެރި އަމަލުތައް ތަހުގީގުކުރަން ޖެހޭނެ ކަމަށް، ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޯނީގެ ރިޕޯޓްގައި ބުނެފައިވާނެ ކަމަށެވެ. އަދި ރާއްޖޭގެ މުއައްސަސާތައް މިނިވަންކޮށް ރިފޯމްކުރާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދިން ކަމަށެވެ. އަދި ކޮމަންވެލްތުގެ މައިގަނޑު މަސްއޫލިއްޔަތަކީ އެއީ ކަމަށެވެ.
މި އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން، އިންސާފުވެރި އަދި ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު ސިޔާސީ ކެންޑިޑޭޓުންނާއި ޕާޓީތަކަށާއި ލީޑަރުންނަށް ލިބިގެންދާނެ އިންތިހާބަކަށް ވުމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޝަރުމާ ވިދާޅުވެފައިވެ އެވެ. އަދި މި އަހަރުގެ އިންތިހާބަކީ ޑިމޮކްރެސީ ހަރުދަނާކޮށް، ގައުމު ބިނާކުރުމުގެ މަސައްކަތް އަލުން ފަށަން ލިބޭ ފުރުސަތަކަށްވެ، އެކަން އެގޮތަށް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޝަރުމާ ވިދާޅުވެފައިވެ އެވެ.