25 Jan 2013, 13:26
އދ. މަޖިލިސް (ޖަނަވަރީ 25): ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާ ތަކާއި ގަތްލު އާންމުތަކާއި ލާއިންސާނީ ޢަމަލުތަކުގެ ފަހަތުގައިވާ އިސްރާއީލުގެ އިސް މަސްއޫލުވެރިންގެ މައްޗަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ދައްވާ އުފުލުންނޫން އެހެން ގޮތެއް ނެތްކަން ފަލަސްތީނުން ހާމަކޮށްފި އެވެ.
މެދުއިރުމަތީގެ މައްސަލަތަކާ ބެހޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޒް އަލްމާލިކީ ވިދާޅުވީ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާއި ޤަތްލު އާންމުތަކުގެ ފަހަތުގައިވާ އިސްރާއީލުގެ ހަރުކަށި ވެރިން ގެ މައްޗަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައި ދައްވާ ނުއުފުލައި ފަލަސްތީނުން މިހާތަނަށް އޮތީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލު ކުރިޔަށްގެންދާ ޣައިރު ގާނޫނީ މަޝްރޫޢު ހުއްޓާލާނެ ކަމަށް އުންމީދުކޮށްގެންނެވެ.
ނަމަވެސް ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަސައްކަތް އިސްރާއީލުން ހުއްޓާނުލާނެކަން މިހާރު ކަށަވަރުވުމުން، އިސްރާއީލުގެ އިސް މަސްއޫލުވެރިންގެ މައްސަލަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ވެއްދުން ނޫންއެހެން ގޮތެއް ފަލަސްތީނަށް ނެތްކަމަށް އޭނާ ވިދާޅުވި އެވެ. އިސްރާއީލުގެ ކުރީގެ ޚާރިޖީ ވަޒީރު އަދި މިދިޔަ ހަފްތާގައި ބޭއްވި އިސްރާއީލުގެ އާންމު އިންތިޚާބު ވަރަށް ހަނިގޮތަކަށް ކާމިޔާބުކުރި ކޯލިޝަންގެ އެއްބައިވެރިޔާ އިވިގިޑޯ ލިބަމެން ވަނީ އޭނާއާއި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ގުޅިގެން އުފެއްދުމަށް މަސައްކަތް ކުރާ ކޯލިޝަން ސަރުކާރުން ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަސައްކަތް އިތުރަށް ހަލުއިކުރާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
އދ. ގައި ފަލަސްތީނު ތަމްޘީލްކުރާ ދަރަޖަ އޮބްޒާވަރ ޖަމާއަތަކުން އޮބްޒާވަރ ދައުލަތަކަށް މިދިޔަ އަހަރުބަދަލުވެގެން ދިޔުމުން ފަލަސްތީނަށް ވަނީ އިސްރާއީލުގެ ވެރިންގެ މައްޗަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައި ޖިނާއީ ދައްވާ އުފުލުމުގެ ޤާނޫނީ ޙައިސިއްޔަތު ލިބިގެން ގޮސްފަ އެވެ. އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރީ ޢަމަލުތަކަށް ވާގިވެރިވާ އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ވަނީ މިމައްސަލާގައި ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. (އަލްޖަޒީރާ)