25 Jan 2013, 13:21
ޓޯކިޔޯ (ޖަނަވަރީ 25): އުތުރުކޮރެޔާއިން ނިއުކްލިޔާ ހަތިޔާރުގެ އިތުރު ތަޖްރިބާއެއް ކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެމެރިކާ އަށް އަމާޒުކޮށްގެން ދުރުރާސްތާގެ ބެލަސްޓިކް މިސައިލްތަޖްރިބާ ކުރާނެކަމުގެ އިންޒާރު ވެސް އުތުރު ކޮރެޔާ އިން ދިނުމުން އެމެރިކާ އާއި ޖަޕާނާއި ދެކުނު ކޮރެޔާ ކަންބޮޑުވެއްޖެ އެވެ.
އުތުރުކޮރެޔާގެ އިންޒާރުގެ ރައްދުގައި އެމެރިކާގެ ދެބައިވެރިން ކަމަށްވާ ޖަޕާނާއި ދެކުނު ކޮރެޔާ ބުނީ އުތުރު ކޮރެޔާގެ އިންޒާރާ މެދު ދެރަވެ ކަންބޮޑުވާ ކަމުގަ އެވެ. ދެކުނު ކޮރެޔާގެ ޖާސޫސީ ފަރާތްތަކާ ޙަވާލާދީ އެގައުމުގެ ޔުންހާބު ނޫސްއެޖެންސީ ބުނީ ނިއުކްލިޔާ އައު ތަޖްރިބާއެއް ކުރަން އުތުރުކޮރެޔާ ތައްޔާރުވެފައިވާ ކަމަށާއި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އުތުރުކޮރެޔާ އިން ނިއުކްލިޔާ ބޮމުގެ އިތުރު ތަޖްރިބާއެއް ކޮށްފާނެ ކަމުގަ އެވެ. އެމެރިކާއިން ވަނީ އުތުރުކޮރެޔާގެ މި ޢަމަލަކީ އެގައުމުން ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް ސިފަކޮށްފަ އެވެ.
އުތުރުކޮރެޔާގެ ރަޙްމަތްތެރި ޗައިނާއިން ވަނީ އުތުރުކޮރެޔާގެ މި އިންޒާރާ ގުޅިގެން ދެކޮރެޔާ ސަރަޙައްދުގެ މަސްރަޙު ހޫނުވާބާވަތުގެ އެއްވެސް ޢަމަލެއް ނުހިންގައި ނަފްސު ކޮންޓްރޯލްކުރުމަށް އުތުރުކޮރެޔާގެ ދުޝްމަން ގައުމުތަކަށް އިލްތިމާސްކޮށްފަ އެވެ. އުތުރުކޮރެޔާ އިން ނިއުކްލިޔާ އިތުރު ތަޖްރިބާއެއް ކުރާނެ ކަމުގެ އިންޒާރާއި އެމެރިކާ އަށް އަމާޒުކޮށްގެން ދުރުރާސްތާގެ ބެލަސްޓިކް މިސައިލްގެ އިތުރު ތަޖްރިބާތަކެއް ކުރާނެ ކަމުގެ އިންޒާރު ދިނީ އެމެރިކާ އިސްވެއޮވެގެން އުތުރުކޮރެޔާއާ ދެކޮޅަށް އދ. ން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ފުޅާކުރުމާ ބެހޭ ޤަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ. އަދި އުތުރުކޮރެޔާގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމަށް ޓަކައި އެމެރިކާ އިސްވެ އޮވެގެން ކުރިޔަށްގެންދާ ހަފަރާތުގެ ސުލްހައިގެ ވާހަކަތައް ހުއްޓާލިކަން ވެސް އުތުރު ކޮރެޔާވަނީޢިއްލާންކޮށްފަ އެވެ.
މީގެ އިތުރުން ގައުމުގެ ދިފާޢުގައި ވަރުގަދަ ނިއުކްލިޔާ ޑިޓަރެންޓެއް (ނިއުކްލިޔާ އައްޑަނައެއް) ބިނާކުރުމުގެ މަސައްކަތް ހަލުއިކުރާނެކަން ވެސް އުތުރުކޮރެޔާ ވަނީ ހާމަކޮށްފަ އެވެ. އުތުރުކޮރެޔާ އިން ވަނީ 2006 ވަނަ އަހަރާއި 2009 ވަނަ އަހަރު ނިއުކްލިޔާ ތަޖްރިބާތަކެއް ކޮށްފަ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އުތުރުކޮރެޔާ އިން ވަނީ އެމެރިކާ އަށް ފޯރާފަދަ ދުރުރާސްތާގެ ބެލަސްޓިކް މިސައިލެއްވެސް ކާމިޔާބު ކަމާއެކު ތަޖްރިބާކޮށްފަ އެވެ. މިމިސައިލް ތަޖްރިބާގައި އުތުރުކޮރެޔާ ވަނީ ޖައްވަށް ސެޓަލައިޓެއް ފޮނުވާފަ އެވެ.
ޖަޕާނާއި ހުޅަނގުގެ ޖާސޫސީ ފާރާތްތަކުންވަނީ ސެޓަލައިޓް ފޮނުވުމަށް އުތުރުކޮރެޔާ އިން ބޭނުންކުރީ އަށް ހާސް ކިލޯމީޓަރުގެ ރާސްތާގެ މިސައިލެއް ކަމަށް ލަފާކޮށްފަ އެވެ. އެމެރިކާ އަށް ފޯރާވަރުގެ ދުރުރާސްތާގެ މިސައިލް އުތުރުކޮރެޔާ އިން މިހާރު ކާމިޔާބު ކަމާ އެކު އުފައްދާކަމަށް ވެސް ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ލަފާކުރެ އެވެ. (ބީ.ބީ.ސީ)