އިންޑިޔާގެ ވިޔަފާރީގެ މަރުކަޒީ ޝަހަރު ކަމަށް ވާ މުންބާއީއަށް 2008 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދިން، ފަސްދޮޅަސް ގަޑި އިރަށް ދެމިގެން ދިޔަ އިރުހާބީ ހަމަލަ ރޭވުމުގައި ބައިވެރި ވި އެމެރިކާ މީހަކު 35 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އުމުރުން 52 އަހަރުގެ ޑޭވިޑް ކޯލްމަން ހެޑްލީ ނަމަކަށް ކިޔާ މި މީހާގެ މައްޗަށް ކޯޓުން މި ގޮތަށް ހުކުމް ކޮށްފައި ވަނީ އޭނާއާ ދެކޮޅަށް ކުރެވިފައި ވާ 12 ދައުވާއެއް އޭނާގެ މައްޗަށް ސާބިތު ވުމާ ގުޅިގެންނެވެ. މީގެ ތެރޭގައި މުންބާއީއަށް ހަމަލަ ދިނުމުގައި ހަރަކާތްތެރި ވި ޕާކިސްތާނުގެ ލަޝްކަރޭ ތައިބާގެ ހަނގުރާމަވެރީންނަށް އެހީތެރި ވުން ހިމެނެއެވެ.

މުންބާއީގެ ރޭލްވޭ ސްޓޭޝަނަށާއި، ލަގްޒަރީ ހޮޓަލްތަކަށާއި، މުންބާއީގައި ހުންނަ ޔަހޫދީ ސަގާފީ މަރުކަޒަކަށް ދިން މި ހަމަލައިގައި 166 މީހުން މަރު ވެފައި ވެއެވެ. އަދި ބަޑިވެރީންގެ ތެރެއިން ވެސް ނުވަ މީހަކު މަރު ވެފައި ވެއެވެ. ހަމަލަ ދިނުމުގައި ބައިވެރި ވި މީހުންގެ ތެރެއިން މަރު ނުވެ ހުއްޓައި އަތުލައި ގަނެވުނު ހަމަ އެކަނި މީހާ ކަމަށް ވާ، ޕާކިސްތާނުގެ މުޙައްމަދު އަޖްމަލް ޢާމިރު ޤަޞަބަށް އިންޑިޔާގައި ވަނީ ފައިބެ އަހަރު ނޮވެންބަރު މަހުގައި މަރުގެ އަދަބު ދީފައެވެ.

ޑޭވިޑް ކޯލްމަން ހެޑްލީ ވަނީ އިންޑިޔާއާ އޭނާ ހަވާލުކޮށްފާނެތީ އާއި މަރުގެ އަދަބުން ސަލާމަތް ވާން އޭނާގެ ކުށަށް އިއުތިރާފު ވެ، ސަރިޔަތަށް އެއްބާރުލުން ދީފައެވެ.

ފުރަތަމަ ކޮޅުގައި ދައުވާއަށް އިންކާރު ކުރި ނަމަވެސް ފަހުން އޭނާ ވަނީ ކުށަށް އިއުތިރާފު ވެ، މުންބާއީއަށް ދިން ހަމަލައިގެ އަމާޒަކަށް ހަދާނެ ތަންތަން ފާހަގަ ކޮށް، ކަނޑައެޅުމުގެ މަސައްކަތް ކުރި ކަމަށް އެއްބަސް ވެފައެވެ.

ހަމަ އެހެންމެ މުސްލިމުންނަށް ފުރައްސާރަ ކޮށް ކާޓޫނުތަކެއް ޝާއިއު ކުރި ޑެންމާކުގެ ނޫހެއްގެ މުވައްޒަފަކު މަރައިލުމަށް ރޭވި ރޭވުމެއްގައި ބައިވެރި ވި ކަމަށް ވެސް އޭނާ ވަނީ އިއުތިރާފު ވެފައެވެ.

ހެޑްލީގެ ބައްޕައަކީ ޕާކިސްތާނު މީހެކެވެ. މަންމަ އަކީ އެމެރިކާ މީހެކެވެ. ހެޑްލީގެ ކުރީގެ ނަމަކީ ދާއޫދު ގީލާނީއެވެ. ދާއޫދު ގީލާނީގެ ނަމުން ޑޭވިޑް ކޯލްމަން ހެޑްލީގެ ނަމަށް 2006 ވަނަ އަހަރު އޭނާގެ ނަން ބަދަލު ކޮށްފައި ވަނީ އޭނާ އިންޑިޔާގައި އުޅޭ އިރު، އޭނާއަކީ ޕާކިސްތާނާ ގުޅުން ހުރި މުސްލިމެއް ކަން އެނގުނަ ނުދޭން ވެގެންނެވެ.

ހެޑްލީ ބުނާ ގޮތުން އޭނާ ލަޝްކަރޭ ތައިބާއާ އެކު މަސައްކަތް ކުރާން ފަށައިފައި ވަނީ 2002 ވަނަ އަހަރުން ފެށިގެންނެވެ.

ޗިކާގޯގައި ހަރަކާތްތެރި ވާ އެފްބީއައިގެ އޭޖަންޓުން އޭނާ ހައްޔަރު ކޮށްފައި ވަނީ ފިލަޑެލްފިޔާއަށް ދާން ވެގެން އެއާޕޯޓަށް ގޮސް އުޅެނިކޮށް، 2009 ވަނަ އަހަރު އޮކްޓޯބަރު މަހުގައެވެ.

މި ހިނގާ ޖަނަވަރީ މަހުގެ ކުރީކޮޅު ޕާކިސްތާނު ދަރިކޮޅުގެ ކެނެޑާ ވިޔަފާރިވެރިއެއް ކަމަށް ވާ ތަހައްވުރު ރާނާ ވެސް ވަނީ ލަޝްކަރޭ ތައިބާއަށް އެހީވުމުގެ ކުށުގައި ޗިކާގޯގައި 14 އަހަރަށް ޖަލަށް ލައިފައެވެ.

ރާނާއާ ދެކޮޅަށް އެންމެ ގިނަ ހެކި ލިބިފައި ވަނީ ހެޑްލީގެ ފަރާތުންނެވެ. ހެޑްލީ އާއި ރާނާއާ ދެމީހުންނަކީ ޕާކިސްތާނުގައި އަސްކަރީ ތަމްރީނު ދޭ މަރުކަޒެއްގައި އެއްކޮށް މަސައްކަތް ކުރި ދުވަސްވަރުގެ ދެ ރަހުމަތްތެރީންނެވެ.

ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ރާނާގެ މައްޗަށް ވަނީ ލަޝްކަރޭ ތައިބާއަށް މާއްދީ އެހީތެރިކަން ދިނުމާއި، ޑެންމާކުގެ ނޫހެއް ކަމަށް ވާ ޖައިލަންޑް ޕޯސްޓެންއަށް ހަމަލަ ދޭން ރޭވި ރޭވުމެއްގައި ބައިވެރި ވި ކަމުގެ ކުށް ސާބިތު ވެފައެވެ. އެހެން ނަމަވެސް މުންބާއީއަށް ދިން ހަމަލައިގައި ރާނާ ބައިވެރި ވި ކަން ސަރިޔަތަށް ސާބިތު ވެފައެއް ނުވެއެވެ.