އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން އަންނަ ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ކަމަށް މަލޭ ސިޓި ކައުންސިލްގެ މެމްބަރު އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު ސަރަންގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.
~
ސަން އެފްއެމްގެ "އޮއިވަރު" ޕްރޮގުރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ ރައީސް ވަހީދުގެ ވާހަކަފުޅުތަކަކީ ބިނާކުރުވެނިވި ވާހަކަފުޅުތަކެއް ކަމަށާއި އޭނާއަށް ވަރަށް ރަނގަޅަށް ރައީސް ވަހީދު އެނގޭ ކަމަށެވެ. އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުން އެންމެ ރަނގަޅު ފުރުސަތެއް އޮތީ ރައީސް ވަހީދަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފަރުދެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެންމެ ބޮޑަށް ތާއީދު ކުރެވޭނީ ރައީސް ވަހީދަށް. އަޅުގަނޑަށް ވަރަށް ގިނަ ގޮތްގޮތަށް އެކަން ކުރަން މަޖުބޫރުވެސްވޭ. ފަރުދެއްގެގޮތުން އަޅުގަނޑު ހަމަ ތާއީދު ކުރަނީ ވަހީދަށް،" އާދަމް މަނިކު ވިދާޅުވިއެވެ.

ދިހަހާސް މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވޭގޮތަށް ސިޔާސީ ޕާޓީތަކުގެ ބިލް ފާސްކޮށްފައި ވާތީ އެ ބިލް ތަސްދީގު ނުކުރައްވައި ރައީސް ވަހީދު އަނބުރާ ފޮނުވާލެއްވުމަކީ އޭނާ ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމެއް ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ. އަދި މެމްބާޝިޕަކީ އޭނާ ގަބޫލްކުރާ އެއްޗެއް ނޫން ކަމަށާއި އެއީ ރައްޓިހިންކައިރީ ކަމެއް ބުނެލުމުން ކަމެއްކޮށްލާ އުސޫލުން ކޮށްލާ ކަމެއް ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅޭގޮތުން އާދަމް މަނިކު ވިދާޅުވީ ރައީސް ނަޝީދަކީ ވަރަށް ރަނގަޅު އަދި އެހާމެ އުންމީދީ ބޭފުޅެއް ކަމަށާއި ރާއްޖޭގެ ސިޔާސީ މައިދާނުގައި ރައްޔިތުންގެ ލޯތްބާއި އިހުތިރާމް އެންމެ މަތިން ލިބިފައިވާ އެއް ބޭފުޅަކީ ރައީސް ނަޝީދު ކަމަށެވެ.

ކުރިން ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގައި ހުންނެވުމަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ އާދަމް މަނިކު ވިދާޅުވީ އޭނާއަކީ އެމްޑީޕީއަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮންދިން މީހެއް ކަމަށާއި ނަމަވެސް މައްސަލައަކީ އެޕާޓީގެ ތެރޭގައި އޮންނަ ކުޑަކުޑަ ބާރުގަދަ ސެކްޝަނަކުން އޭނާ ގަބޫލު ނުކުރުން ކަމަށެވެ. އަދި އެ ސެކްޝަނަކީ ރައީސް ނަޝީދުގެ އެންމެ ގާތް ސެކްޝަން ކަމަށާއި މާލޭގެ މޭޔަރަކަށް އޭނާ ނުހޮވުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލް ޣަފޫރު ވަރަށް ފާޅުގައި މަސައްކަތްތަކެއް ކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާދަމް މަނިކަކީ އެމްޑިޕީގެ ވެރިކަމުގައި ކުރީގެ މާލޭ މުނިސިޕަލްޓީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭގެފަހުން އެ ޕާޓީގެ ޓިކެޓްގައި މައްޗަންގޯޅި ދެކުނު ދާއިރާގެ ސިޓީ ކައުންސިލް މެންބަރު ކަމަށް އިންތިޚާބުވެވަޑައިގެންނެވި އެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ވަހީދަށް ތާއީދު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވާއިރު އެމްޑިޕީގެ ވެރިކަން ބަދަލުވުމުން މިއަދުގެ ސަރުކާރާއި އަދި ރައީސް ވަހީދާ ދެކޮޅަށް އޭނާ ކުރިން ވާހަކަދައްކާފައި ވެއެވެ. އަދި ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ވެސް އޭނާ އަންނަނީ ބައިވެރިވަމުންނެވެ.