ފުވައްމުލަކުން މަހަށް ދިޔުމަށްފަހު އެނބުރި ރަށަށް އައި ތިން މީހުންގެ ތެރެއިން އެކަކު ރަށަށް އެރުމަށް މޫދަށް ފުންމާލުމުން ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހޯދަޑު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް ވިދާޅުވީ މަހަށް ދިއުމަށްފަހު މިރޭ އެނބުރި އައިސް ރަށަށް އެރުމަށް މޫދަށް ފުންމާލީ ހޯދަނޑު ޒަމްހަރީރުގޭ މުހައްމަދު ނާފިޒް 30، ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ވިދާޅުވީ މުހައްމަދު ނާފިޒު ގެއްލިގެން އޭނާގެ އާއިލާއިން މިރޭ 8:00 އެހައިކަންހާއިރު ރިޕޯޓް ކުރުމުން ސިފައިންނާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތްކުރަމުން ކުރަމުން އަންނަކަމަށެވެ.

"ފުވައްމުލަކު ހޯދަނޑު ޒަމްހަރީރުގޭ މުހައްމަދު ނާފިޒް ގެއްލިގެން އޭނާގެ އާއިލާއިން ވަނީ މިރޭ ރިޕޯޓްކޮށްފައި. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެކަން ފުލުހުންނަށް އެންގުމަށް އިލްތިމާސްކުރަން،"ހަނީފް ވިދާޅުވި އެވެ.

ހޯދަޑުކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް ވިދާޅުވީ މިހާތަނަށް އެނގިފައިވާގޮތުގައި ރަށަށް އަރަންވެގެން އޭނާ ފުންމާލީ ތެޔޮއެޅި ހަމަކާއެކު ކަމަށާއި އޭނާ ފުންމާލި ސަރަހައްދު ބަލައި ޗެކްކުރިއިރު އޭނާގެ މޯބައިލް ފޯނުކަމަށް ބެލެވޭ ފޯނެއް ފެނިފައިވާކަމަށެވެ.

"ނާފިޒު ފުންމާލި ސަރަހައްދުން އޭނާގެ މޯބައިލް ފޯނުކަމަށް ބެލެވޭ ފޯނެއް ވަނީ ފެނިފައި. އެ ފޯން އާއިލާއަށް ދައްކައިގެން އެއީ އޭނާގެ ފޯނުތޯ ކަށަވަރުކުރުމުގެ މަސައްކަތް ފުލުހުންނާ ސިފައިން މިހާރު ދަނީ ކުރަމުން،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްދޯނީގައި އެތިން މީހުން ރަށަށް އެނބުރި އައީ އައްޑޫ ސިޓީން މަސްތުވާތަކެތި ގަނެގެންކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އެ ދޯނިން އައި ދެ މީހުންގެ ތެރެއިން އެކަކު ދެއްކި ވާހަކައަކާ މެދު ހިތްހަމަނުޖެހިގެން އެރަށު މީހަކު ތޫނުއެއްޗެއް އޭނާގެ ބޮލަށް ހަރާލުމުން ހޮސްޕިޓަލްގައި މިރޭ އޭނާއަށް ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާކަމަށް ވެސް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

އެމީހާއަށް އެހާ ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށާއި މޫދަށް ފުންމާލި ނާފިޒު ގެއްލުނު މައްސަލައާއި ތޫނުއެއްޗަކުން ހަމަލާދިން މައްސަލަ ތަހުގީގު ކުރުމަށް، ދޯނިން ރަށަށް ދިޔަ ދެ މީހުންނާއި ތޫނުއެއްޗަކުން ހަމަލާދިން މިހާ ފުލުހުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.