ރ. ދުވާފަރު ރައްޔިތުންގެ ދޯންޏެއް އަމިއްލަ ބަޔަކަށް ކުއްޔަށް ދީފައިވާ އިރު ވޭތުވެ ދިޔަ އަށް މަސް ދުވަހުގެ ތެރޭގައި އެ ދޯނީގެ ކުލި ދައްކާފައި ނުވާތީ "ރައްޔިތުންގެ ދޯނި ރައްޔިތުނަށް" ނަމުގައި އެ ރަށުގައި މުޒާހަރާއެއްކޮށްފި އެވެ.

ދުވާފަރުގައި މިއަދު ކުރި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި މުހައްމަދު ޖަމީލް މިރޭ ބުނީ އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު މިއަދު މުޒާހަރާކޮށްފައި ވަނީ އެ ރަށުގެ ރައްޔިތުންގެ ދޯންޏެއް އަމިއްލަ ބަޔަކަށް ކުއްޔަށް ދީފައިވަނިކޮށް އެ ދޯނީގެ ކުލި ނުދޭތާ އަށް މަސްވެފައިވާތީ އެ ދޯންޏާ ބެހޭ މައުލޫމާތެއް ކައުންސިލުން ރައްޔިތުންނާ ހިއްސާނުކުރާތީ ކަމަށެވެ.

"ކުލީގެ ގޮތުގައި ލިބެން ޖެހޭ އަދަދު ސީދާ އަޅުގަނޑަށް ބުންނަން އުނދަގޫ، އެކަމަކު ބޮޑުއެއްޗެއް ކުލީގެ ގޮތުގައި ރައްޔިތުނަށް ލިބެންޖެހޭ. ހަމައެއާ އެކު އެ މައްސަލާގައި އެއްވެސް މައުލޫމާތެއް ކައުންސިލުން ރައްޔިތުންނަކާ ހިއްސާއެއްނުކުރޭ، އަދި ދޯނިދީފައިވާ މުއްދަތު މިހާރު ހަމަވެފައިވާ އިރު އަދި ވެސް ދޯންޏެއް ވެސް ހަވާލެއް ނުކުރޭ،" ޖަމީލް ބުންޏެވެ.

އޭނާ ބުނީ ދޯނީގެ މައްސަލާގައި ކައުންސިލްއާއެކީ މިރޭ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެބައްދަލުވުމަށް ފަހު އެ މުޒާހަރާތައް ގެންދާނެ ވަކިގޮތެއް ނިންމާނެ ކަމަށެވެ.

ދުވާފަރު ކައުންސިލްގެ ނައިބް ރައީސް އާމިރު އަހުމަދު މިރޭ ވިދާޅުވީ އެ ދޯންޏާ ބެހޭ މައުލޫމާތު ދިނުމަށް މިރޭ އެ ރަށުގައި ބައްދަލުވުމެއް ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ އެ ދޯންޏަކީ އެ ރަށު ރައްޔިތުންގެ 85 ފޫޓުގެ ފައިބަރު ދޯންޏެއް ކަމަށާއި އެ ދޯނި މަހަކު 20000ރ. އަށް އަމިއްލަ މީހަކަށް ކުއްޔަށް ދީފައިވާ އިރު ވޭތުވެ ދިޔަ އަށް މަސް ދުވަހުގެ ކުލި ދައްކާފައިނުވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ކޯޓަށް ވައްދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.