24 Jan 2013, 21:59
ނ. މާފަރު ރައްޔިންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ ރަށުގައި ކުރަމުން އަންނަ މުޒާހަރާތައް، ސަރުކާރަށް ތިން މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު މިއަދު މެދުކަނޑަލައިފި އެވެ.
މާފަރު ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިރޭ ސަން އޮންލައިނަށް ވިދާޅުވީ އެ ބޭފުޅުން ކުރަމުންދިޔަ މުޒާހަރާތައް މެދުކަނޑާލުމަށް ފަހު ސަރުކާރުގެ އިދާރާތައް ހުޅުވުމަށް މިއަދު ފުރުސަތު ދީފައިވާނެ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އަމަލީ ސިފައެއް ނައިސްފި ނަމަ މުޒާހަރާތައް އަލުން ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ މުޒާހަރާތައް މެދުކަނޑަލީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމެޓީގެ އެހީތެރިކަން ލިބޭތީ ކަމަށެވެ.
"އަޅުގަނޑުމެން މުޒާހަރާތައް މެދުކަނޑާލީ މި މަހުގެ 21 އިން 22 އަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް މާފަރު ކައުންސިލާ އަދި މިކޮޅުގެ ޓާސްކްފޯސްގެ މެމްބަރުން ގެންގޮސްކުރެވުނު މަޝްވަރާތަކަށް ފަހު އެ ކޮމެޓީ އިން މިކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނުމުން،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރަށުގެ ރައްޔިތުން ޑިމާންޑް ކުރަމުން ދިޔަ ކަންތައްތައް ވާނެކަމުގެ ފެހި ސިގުނަލެއް މިހާރު ލިބިފައިވާ ކަމަށެވެ. އަދި މާފަރުގައި އެއާޕޯޓެއް އެޅުމަށް އެ ރަށުގެ ރަށްޔިތުން ޑިމާންޑް ކުރަމުންދާ އިރު މިއަދު ރައީސް ވަހީދު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅުގައި ވަރަށް އަވަހަށް އެއާޕޯޓެއް އަޅުއްވައިދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރައީސްގެ އެ ވާހަކަފުޅަށް އިޝާރާތްކުރައްވައި ރަޝީދު ވިދާޅުވީ އެކަމާ މުޒާހަރާތައް މެދުކަނޑަލުމާ އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ.
މާފަރުގެ ރައްޔިތުން ކުރަމުންދޔަ މުޒާހަރާތައް 26 ދުވަހަށް ފަހު މެދުކަނޑަލާފައިވާ އިރު ވޭތުވެދިޔަ 26 ދުވަހުގެ ތެރޭގައި އެ ރަށުގެ އެއްވެސް ސަރުކާރުގެ އިދާރާއެއް ހުޅުވާފައިނުވާ އިރު ކިޔަވާދީފައެއް ވެސް ނުވެ އެވެ.