ސޮނީ އެންޓަޓެއިންމެންޓްގެ މަޝްހޫރު ގޭމް ނެޓްވޯކް ކަމަށްވާ ޕްލޭސްޓޭޝަން ނެޓްވޯކުން ޑާޓާ ރައްކާތެރި ކުރުމުގައި އިހުމާލުވެފައިވާ ކަމަށް ކަނޑައަޅައި "ސޮނީ އެންޓަޓެއިންމެންޓް ޔޫރަޕް" 396100 ޑޮލަރުން ޖޫރިމަނާ ކޮށްފި އެވެ.

އެމައްސަލައާއި ގުޅިގެން ސޮނީއިން ބުނެފައިވަނީ އެފަދަ ބޮޑު ޖޫރިމަނާއެއް ކުރަން ޖެހޭކަމަށް އެމީހުން ގަބޫލު ނުކުރާކަމަށާއި އަދި އެމައްސަލަ އިސްތިއުނާފު ކުރާނޭ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި 2011 ވަނަ އަހަރުގެ އޭޕްރީލްގައި ހިނގި ހެކްކުރުމުގެ އެ ހާދިސާއަކީ "ދުރާލައި މަސައްކަތް ކޮށްގެން ހުއްޓުވޭނެ" ހާދިސާއެކެވެ.

އިނގިރޭސިވިލާތުގެ އިންފޮމޭޝަން ކޮމިޝަނާގެ އޮފީސް (އައިސީއޯ) އިންވަނީ މުނިފޫހިފިލުވުމުގެ ބޮޑު ބާރެއް ކަމަށްވާ ސޮނީ އެންޓަޓެއިންމެންޓުން ސަލާމަތީގޮތުން ރައްކާތެރި އަޕްޑޭޓެޑް ސޮފްޓްވެއާ ބޭނުން ނުކުރާކަމަށް ބުނެ އެކުންފުންޏަށް ވަރަށްބޮޑަށް ފާޑުކިޔާފަ އެވެ.

"ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ސޮނީ އަށް ކުރެވޭނޭ ބައިވަރު ކަންތައް ހުރި" އައިސީއޯގެ ފަރާތުން ސައިމަން އެންޓްވިޒްލް ބުނެފައިވެ އެވެ.

"އިލެކްޓްރޯނިކް ނެޓްވޯކްތަކަށް ދެވޭ މިފަދަ ޖިނާއީ ހަމަލާތަކަކީ 21 ގަރުނުގައި އިތުރުވަމުން އަންނަ ކަމަކަށްވީ ހިނދު ސޮނީ އިން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ މަލްޓިޕްލް ސެކިއުރިޓީ ލޭޔާތަކެއް ހިމަނައިގެން ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެ ސިސްޓަމް ވަރުގަދަ ކުރުމަށް" ސޮނީގެ ތަރުޖަމާނަކު ބުނެފައި ވެއެވެ.

އަދި ސޮނީ ކުންފުނިން ވަނީ 2011 ވަނަ އަހަރުގެ މޭމަހު އެ މައްސަލައިގައި ކަސްޓަމަރުންގެ ފަރާތުން މާފަށް އެދިފައެވެ. އަދި ކުށް ގަބޫލުކުރިކަން ހާމަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ބައެއް ގޭމްތައް ހިލޭ ބޭނުން ކުރެވޭ ގޮތް ހަދާފަ އެވެ.

އައިސީއޯގެ ރިޕޯޓެއްގައި ބުނެފައިވަނީ، ޓެކްނިކަލް ގޮތުން ބެލި ބެލުމުގައި ޔޫޒާ ޕާސްވޯޑްތައް ފުރިހަމައަށް ރައްކާތެރި ކުރެވިފައި ނުވާތީ، ބައެއްކަހަލަ ޑާޓާތައް (ނަން، އެޑްރެސް، އުފަން ތާރީޚް، ޕޭމަންޓް ކާޑުގެ މައުލޫމާތު) ވަނީ ރިސްކަށް ހުށަހެޅިފައެވެ.

"ބައިވަރު ޕޭމަންޓް ކާޑުތަކެއްގެ މައުލޫމާތާއި އަދި އަމިއްލަ މައުލޫމާތުތަކެއްގެ ލޮގް ބެލެހެއްޓުމުގެ ޒިންމާ ނަގަންޖެހޭ ފަރާތެއްގެ ފުރަތަމަ އިސްކަންދޭ ކަމަކަށް ވާންޖެހޭނީ އެތަކެތީގެ ސަލާމަތާއި ރައްކާތެރިކަން،" އޯއައިސީގެ ޑެޕިއުޓީ ކަމިޝަނަރު އަދި ޑައިރެކްޓާ އޮފް ޑާޓާ ޕްރޮޓެކްޝަން ޑޭވިޑް ސްމިތު ބުންޏެވެ.

ޕްލޭސްޓޭޝަން ނެޓްވޯކް ހެކްކުރުމާއި ގުޅިގެން 2011 ވަނަ އަހަރުގެ "އީސްޓާ ވީކެންޑު"ގައި ގޭމްކުޅެން ބޭނުންވި ފަރާތްތައް ރުޅިވެރިކަން ފާޅުކުރުމުން ސޮނީން ބުނެފައިވަނީ ޕްލޭސްޓޭޝަން ނެޓްވާކް މިހާރުވާނީ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް އަލުން ފަރުމާކޮށްފައި ކަމަށެވެ.

އައިއޯސީގެ ފަރާތުން ބުނެފައިވަނީ ސޮނީ ކުންފުނި ކުރެވުނު ޖޫރިމަނާއަކީ އެމައްސަލައިގެ ސީރިއަސްކަން އަންގައިދޭ ކަމެއް ކަމަށެވެ. އަދި އެ ހާދިސާ އަކީ މިހާތަނަށް ދިމާވި އެފަދަ އެންމެ ބޮޑު ހާދިސާ ކަމަށެވެ.