ސަރުކާރުން ފަށާފައިވާ ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން އައްޑޫ ސިޓީގެ ފޭދޫގައި އިމާރާތް ކުރެވިފައިވާ ހައުސިން ޔުނިޓް ތަކަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކޮށްފައިވާ މީހުންގެ ނަންތައް މިއަދު އިއުލާން ކޮށްފި އެވެ.

ސަންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އައްޑޫ ސިޓީ ކައުންސިލް މެންބަރު އަހުމަދު މިރުޒާދު ވިދާޅުވީ ފޭދޫގައި އިމާރާތް ކުރެވިފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލީ ހުރިހައި މީހުން ވެސް ޝޯޓްލިސްޓް ކޮށްފައިވާކަމަށާއި ލިސްޓް މިއަދު އާންމު ކޮށްފައި ވަނީ އެ މީހުންނަށް ޕޮއިންޓް ދެވިފައިވާ އުސޫލުތަކާ އެކު ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

"ފޭދޫގައި އިމާރާތް ކުރެވިފައިވާ 25 ހައުސިން ޔުނިޓަށް ކުރިމަތިލި ހުރިހައި ފަރާތް ތަކެއް ވެސް ވަނީ ގުރުއަތަށް ހޮވިފަ. މުޅި ޖުމްލަ 339 މީހުން ކުރިމަތިލާފައިވޭ. ކުރިމަތިލީ ހުރިހައި ފަރާތެއްގެ ލިސްޓް މިއަދު ވާނީ އާންމު ކުރެވިފައި. އެ ލިސްޓުގައި މާކްސް ދެވުނު އުސޫލްތަކާއި ލިބުނު މާކްސް ފެންނަން ހުންނާނެ." މިރުޒާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝޯޓްލިސްޓް ކުރި މީހުންގެ ނަންތައް އިއުލާން ކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށްޓަކައި ހަފްތާއެއްގެ މުއްދަތެއް ދެވޭނެ ކަމަށާއި އޭގެ ފަހުން ލިސްޓް ފައިނަލް ކުރުމަށް ފަހު މިމަހުގެ 30 ވަނަ ދުވަހު ގުރުއަތުލުން ބާއްވާނެ ކަމަށް ވެސް މިރުޒާދު ވިދާޅުވި އެވެ.

ފޭދޫގެ ހައުސިން ޔުނިޓްތަކަށް ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވާ އުސޫލަކީ ކައިވެނި ނުކުރާ މީހަކަށް ފަސް ޕޮންޓް، ތިން ދަރިންނަށް ވުރެ ގިނަ ނަމަ 15 ޕޮއިންޓް، އެކެއް ނުވަތަ ދެ ކުދިން ތިބި ނަމަ 10 ޕޮއިންޓް، 35 އަހަރުން މަތި ނަމަ 15 ޕޮއިންޓް، އަދި އުމުރުން 21 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށް 10 ޕޮއިންޓް ކަމަށް މިރުޒާދު ވިދާޅުވި އެވެ.

މިރުޒާދު ވިދާޅުވީ ގުރުއަތުން ހޮވޭ ފަރާތްތަކަށް ގުރުއަތު ނަގާ ދުވަހު ތަން ހަވާލު ކުރެވޭނެ ކަމަށާއި އެހެން ނަމަ ވެސް އެތަނަށް ވަނުމަށް އަދި ދެ މަހެއް ހައި ދުވަސް ވެދާނެ ކަމަށެވެ. އަދި ވިދާޅުވީ ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކުން ޑައުން ޕޭމެންޓްގެ ގޮތުގައި 30.000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި އެ ޕޭމެންޓް ދެއްކުމަށްޓަކައި ތިން މަސް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ވެސް މިރުޒާދު ވިދާޅުވި އެވެ.

ފޭދޫގެ ހައުސިން ޔުނިޓްތަކަށް ދައްކަން ޖެހޭ ޑައުން ޕޭމެންޓް ތިން މަހަށް ބަލައިގެން މަހަކު 10.000 ރުފިޔާ ދެއްކޭނެ ކަހަލަ ގޮތަކަށް ހަމަ ޖެއްސުމަށް ހައުސިން މިނިސްޓްރީއާ އެކު ވާހަކަ ދައްކަމުންދާ ކަމަށް ވެސް މިރުޒާދު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ފޭދޫގައި އިމާރާތް ކުރެވިފައިވާ ހައުސިން ޔުނިޓްތަކަކީ މަހަކު 3000 ރުފިޔާ ދައްކާ ގޮތަށް 20 އަހަރު ދުވަސް ތެރޭ އަމިއްލަވާ ގޮތަށް ދޫކުރެވޭ ހައުސިން ޔުނިޓްތަކެކެވެ. އެންމެ ފުރަތަމަ ހައުސިން ޔުނިޓްތަކުގެ ކުލި ކަމަށް ކަނޑައަޅާފައި ވަނީ މަހަކު 4500 ރުފިޔާ އެވެ. އެހެން ނަމަވެސް ރައްޔިތުންގެ ޝަކުވާ ގިނަވެގެން ފަހުން ކުއްޔަށް ބަދަލު ގެނައީ އެވެ.