"އަފިރިންގެ އަމާން އައްޑޫ ސިޓީ"ގެ އޮޕަރޭޝަނުގެ ދަށުން އެކި މައްސަލަތަކުގެ ތުހުމަތުގައި 72 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ 17 އިން ފެށިގެން އައްޑޫގައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރި 72 މީހުންގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކުރި 51 މީހަކާއި އެހެނިހެން މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 21 މީހެކެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކި މައްސަލަތަކުގެ ތުހުމަތުގައި 288 މީހަކު މަގުމަތިން ހުއްޓުވައި ނަސޭހަތްތެރިވެފައިވާނެ ކަމަށާއި އަދި އޭގެ ތެރެއިން 155 މީހެއްގެ ހަށިގަނޑު ބަލައިފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އައްޑޫ ސިޓީއަކީ އަމާން ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން އައްޑޫ ސިޓީގެ ބޮޑެތި މަގުތަކުގައި ވީސީޕީ (ވެހިކަލް ޗެކްޕޮއިންޓް) ޖަހައި 453 އުޅަނދެއް ބަލައި ފާސްކޮށް 15 މީހަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް އަދި ނުވަ އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާރޓްމަންޓް (އެސްއޯ)ގެ ފުލުހުންގެ ޓީމަކާއި އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ދަށުން މަސްތުވާތަކެތީގެ ތަފާތު ދެ މައްސަލައެއްގައި ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާ އާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓްތަކަކާ އެކު ހަ މީހަކާއި ކުޑަކުއްޖަކު ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކޮށްފަ އެވެ.