24 Jan 2013, 17:15
ކ. ވިލިނގިލީ ކުޑަކުދިންގެ ހިޔާގައި ތިބި ކުޑަކުދިންނަށާއި އެ ކުދިން ތިބި އިމާރާތަށް ބޭނުންވާ ސާމާނު ހޯދައި ދިނުމުގެ ގޮތުން ޑީއާރުޕީގެ އަންހެނުންގެ ގޮފިން އިސްނަގައިގެން ފަންޑް ރައިޒިން އިވެންޓެއް ބާއްވަން ނިންމައިފި އެވެ.
ޑީއާރުޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސާ އަދި ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުޑަކުދިންނަށް ވަރަށް ގިނަ ދަތިތައް ހުރިކަން އެ ޕާޓީ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ބޮޑު މައްސަލައަކީ ބޮޑެތި ކުދިންނާއި ކުޑަކުދިން ވަކި ނުކުރެވި އެއް ތަނެއްގައި ބައިތިއްބަން ޖެހިފައިވާ މައްސަލަ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އަދި އެ ކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާނެ ތަކެތި ނުލިބި ވަރަށް ދަތިހާލުގައި އެ ކުދިން އުޅެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެތަނަށް ޒިޔާރަތްކޮށް ބެލި އިރު އެ އެ އިމާރާތް ވެސް ހުރީ ވަރަށް ބާވެފައި. ހުރިހާ އުމުރެއްގެ ކުދިން އެކީގައި ގެންގުޅެން ޖެހެނީ. މުވައްޒަފުން ވެސް މަދު. އެތަނުން ބޮޑެތި ކުދިން އެބަޖެހޭ ކުޑަކުދިންނާއި ވަކިކުރަން. އަޅުގަނޑުމެން އަންހެން ގޮފީގެ ފަރާތުން އެތަނަށް އެހީވާން ފައިސާ ހޯދުމުގެ ހަރަކާތެއް ބާއްވަން މި ރާވަނީ. އެތަނަށް ބޭނުންވާނެ ތަކެތި ހޯދައި އެތަނަށް އެހީވާން،" ނަމަވެސް ފައިސާ ހޯދުމަށް ހިންގާނީ ކޮންކޮން ހަރަކާތެއް ކަމެއް ރޮޒައިނާ ވިދާޅެއް ނުވެ އެވެ.
ކުޑަކުދިންގެ ހިޔާ އަށް މިހާރަށް ވުރެ ބޮޑަށް އަޅާލާ އެތަނުގެ ކަންތައްތައް މިހާރުން މިހާރަށް ރަނގަޅު ކުރުމަށް ރޮޒެއިނާ ވަނީ ސަރުކާރަށް ވެސް ގޮވާލައްވައިފަ އެވެ.
އޭނާ ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން އެތަނުގައި އުޅެމުންދަނީ ވަރަށް ދަތިހާލުގައި ކަމަށާއި އެ ކުދިންނަށް ބޭނުންވާ ހައްގުތައް ހޯދުމުގެ އިންތިޒާމްވީ އެންމެ އަވަހަކަށް ހަމަޖައްސައި ދިނުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ. އަދި އެތަނުގައި އުމުރު ފުރާ ވަކިކޮށް ބޭތިއްބޭނެ އިންތިޒާމް ވެސްވީ އެންމެ އަވަހަކަށް ހަމަޖައްސައި ދިނުމަށް ވެސް ގޮވާލައްވާ ކަމަށެވެ.
ކުޑަކުދިންގެ ހިޔާއަށް އެހީވުމަށް ޑީއާރުޕީގެ އަންހެނުންގެ ގޮފިން ހިންގަން ރާވަމުންދާ ހަރަކާތް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ދެން އެންމެ އަވަހަށް ބާއްވާ ބައްދަލުވުމެއްގައި ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.