މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓްގައި ނިކުމެވަޑައިގަންނަވާނެ ބޭފުޅަކު ހޮވުމަށް ބާއްވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ވަރަށް ގިނަ ފަރާތްތަކުން އިލްޔާސް އިބްރާހީމްގެ އަރިހުން އެދެމުން އަންނަ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ އަނބިކަނބަލުން، ނަސްރީނާ އިބްރާހީމް ބޭބެ އިލްޔާސް އިބްރާހީމް ވިދާޅުވީ ޕީޕީއެމް ޕްރައިމަރީގައި ވާދަކުރުމަށް ރަށްރަށުން ވެސް ގިނަ ބަޔަކު ހުށަހަޅަމުންދާ ކަމަށެވެ.

"[ޕީޕީއެމް ޕްރައިމަރީގައި ކުރިމަތިލުމަށް އެދި] ޕާޓީ ތެރެއިން ވެސް އެބަ އާދޭ. ރާއްޖެ ތެރެއިން ވެސް އެބައާދޭ. ވަރަށް ބޮޑަށް [ޕްރައިމަރީގައި ވާދަކުރުމަށް އެދި] އެދެމުން އެބަ އާދޭ،" އިލްޔާސް އިބްރާހީމް ވިދާޅުވި އެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ވަރަށް ގިނަ ވުޒާރާތަކެއްގެ ވަޒީރުކަމުގެ މަގާމު ފުރުއްވާފައިވާ އިލްޔާސް ވިދާޅުވީ އޭނާ ކުރިމަތިލައްވާނެތޯ ވަރަށް ގިނަ ފަރާތްތަކުން އައްސަވާ ކަމަށާއި އަދި އެއިން އެއްވެސް ބޭފުޅަކަށް ސީދާ ވަކި ޖަވާބެއް ނުދެއްވާ ކަމަށެވެ.

"މިވީ އަހަރެއްހާ ދުވަސްތެރޭގައި ވެސް މީހުން އަޅުގަނޑާ ސުވާލުކުރޭ ކުރިމަތިލާނަންހޭ [ޕްރައިމަރީގައި ވާދަކުރާނަން ހޭ. އޭގެ ޖަވާބުގައި އަޅުގަނޑު ބުނަމުން އަންނަނީ ކުރިމަތިލާނަމެކޭ ވެސް ކުރިމަތި ނުލާނަމެކޭ ވެސް ނުދަންނަވާނަމޭ،"އިލްޔާސް ވިދާޅުވި އެވެ.

އެހެންނަމަވެސް ވެރިކަމަށް ކުރިމަތިލައްވައިފި ނަމަ ރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމަށް ގަބޫލުކުރެވިއްޖެ ނަމަ ވެރިކަމަށް ކުރިމަތިލެއްވުމަކީ ގާތް ކަމެއް ކަމަށް އިލްޔާސް ވަނީ ވިދާޅުވެފަ އެވެ.

"ގައުމުގެ މަސްލަހަތަށް ވިސްނާފައި، ކަންތައް ހުރި ގޮތުން އެކަމުގައި ރަނގަޅު ނަތީޖާއެއް ނިކުމެދާނެ ކަމަށް ފެންނަންޏާ އަޅުގަނޑުގެ ވިސްނުން ބަދަލުވެދާނެ. ޕާސަނަލީ [ވަކި ހާއްސަ] އެއްވެސް ވިސްނުމެއް ނެތް. އަޅުގަނޑު އިސްކަންދޭނަން ޕާޓީގެ މަސްލަހަތަށް. އަޅުގަނޑު ވަށައިގެންވާ ކަންތައްތަކަށް ވިސްނައިގެން އަޅުގަނޑު އަޅާ ފިޔަވަޅެއް އަޅާނީ،" އޭނާ ވިދާޅުވި އެވެ.

ޕްރައިމަރީގައި ވާދަ ކުރެއްވުމާ މެދު ނިންމަވާ ގޮތެއް އެނގިގެންދާނީ އެންމެ ފަހު ވަގުތު ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި އުމަރު ނަސީރު އާއި ރައީސް މައުމޫނު ކޮއްކޯފުޅު އަބްދުﷲ ޔާމިން ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވާ އިރު، މިހާރު އުމަރު ނަސީރު ގެންދަވަނީ އިލްޔާސަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ޕްރައިމަރީގައި އިލްޔާސް ވާދަކުރައްވަން ނިންމަ ވާނީ ޕްރައިމަރީގައި ވާދަކުރައްވަނީ ކޮންކޮން ބޭފުޅުންނެއް ކަން މުޅިން ކަށަވަރުވުމުން ކަމަށް ދޭހަވާ ގޮތަށް އިލްޔާސް ވަނީ ވާހަކަ ދައްކަވައިފަ އެވެ.

"އަޅުގަނޑު [ޕްރައިމަރީ އަށް] ކުރިމަތި ނުލަންޏާ ނުލާކަން އެނގޭނީ އޭގެ މުއްދަތު ހަމަވާ އިރު، ކުރިމަތިނުލާ އޮތިއްޔާ. އަޅުގަނޑަށް ވެސް އަދި ނޭނގޭ ކުރިމަތިލައްވާނީ ކޮން ބޭފުޅުނެއް ކަމެއް. [ކުރިމަތި ލައްވަން ނިންމެވީ] އެ ދެ ބޭފުޅުން [އުމަރު ނަސީރު އާއި ޔާމިން] އެކަނި ކަމެއް (ވެސް އަދި ނޭނގޭ)." ކުރީގެ ރައީސް މައުމޫން ނުކުންނަވައިފާނެ ކަމަށް ދޭހަވާ ގޮތަށް އިލްޔާސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް މައުމޫނު ނިންމަވައިފި ނަމަ އިލްޔާސް އިބްރާހީމް ތާއީދު ކުރައްވާނީ ރައީސް މައުމޫނަށް ކަމަށާއި ނަމަވެސް ރައީސް މައުމޫނު ވާދަ ނުކުރައްވާ ނަމަ އިލްޔާސް އިބްރާހީމް ރިޔާސީ ރޭހުން ފެނިގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އޮންލައިނަށް ބުންޏެވެ.