މިއަހަރުގެ މެދަކާ ހަމައަށް ދިޔުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނ. ހެނބަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މިއަދު މެންދުރު ފަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ޚިދުމަތްތައް ނުދީ ޢުމްރާނީ ކަންތައްތަކެއް ނުކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ޞިއްޙަތު ސަލާމަތް ކުރުމަށް ސިއްހީ މަރުކަޒުތައް ރަނގަޅު ހިންގައި ކުދިންނަށް ތަޢުލީމު ދޭން ޖެހޭ ކަމަށެވެ. އެކަންކަން ނުކޮށް ބަނދަރެއް ހެދުމުގެ މާބޮޑު ބޭނުމެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ކުދިންގެ ޞިއްޙަތު ސަލާމަތުން ނެތި، ބަލިވާ ވަގުތު ބޭސް ނުކުރެވޭ ކަމަށްވަންޏާ އެއާޕޯޓެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުރަތަމަ ކުރަން ޖެހޭ ކަންތައްތައް ފުރަތަމަ ކުރަންޖެހޭނެ ކަމަށާއި އެ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ސަރުކާރުގެ ދަރަނި ކުޑަކުރެއްވުމަށް ޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސް ވިދާޅުވި އެވެ. އަދި ވަޒީފާގެ ފުރުސަތުތައް އިތުރު ކުރެވޭނީ ވެސް ދަރަނި ކުޑަކުރެވިގެން ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިގްތިޞާދު ޙަގީގަތުގައި އެހާ ގޯސް ނޫން ކަމަށާއި ދުނިޔެއަށް މިހާރު އައިސްފައިވާ އިގްތިޞާދު ފަނޑުވަމުން ދިޔުމުގެ ރޯޅީގައި ރާއްޖެއަށް ވެސް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރަމުން ދަނީ ކަމުގައި ވިދާޅުވި އެވެ. ދިވެހި ޤައުމުގެ އިޤްތިޞާދު ބިނާވެފައި މިއޮތީ، ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށް ވިދާޅުވެ، 2012 ވަނަ އަހަރަކީ މި ދެ ދާއިރާގައި ވެސް ރާއްޖެ ކުރިއަރާފައިވާ އަހަރެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.