24 Jan 2013, 15:58
ނ. އަތޮޅުގައި އެއާޕޯޓެއް ހެދުމުގެ މަޝްރޫޢު މާލަހެއް ނުވެ އިޢުލާނު ކުރައްވާނެ ކަމަށާއި އެކަމަށް އަލުން އިންވެސްޓް ކުރާ ބަޔަކު ހޯދައިގެން އެއާޕޯޓުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވައި އެއާޕޯޓް ހައްދަވާނެ ކަމުގެ ޔަގީންކަން އެ އަތޮޅުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ދެއްވައިފި އެވެ.
ނ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ހެނބަދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ އަތޮޅުގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައި ވިއަސް، ތަފާތު ސަބަބުތަކާ ހުރެ އެކަން ނުކުރެވި ލަސްވަމުން އައިސްފައިވާ ކަމަށެވެ. އަދި އެކަމުގެ އުދާސްތައް ފެންނަމުންދާ ކަމަށާއި އެކަން އެމަނިކުފާނަށް ވެސް ރަނގަޅަށް އިޙްސާސް ކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
އެ އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް ކެތްތެރިވެވަޑައިގަތުމަށް އެދިވަޑައިގަތުމަށް ފަހު ރައީސް ވިދާޅުވީ ދައުލަތަށް ކަންކަން ކުރެއްވެން އޮތް މިންވަރަކުން އެކަންކަން ކޮށްދެއްވުމުގެ ފުރިހަމަ މަގްސަދާއި ނިޔަތް އެބައޮތް ކަމަށެވެ.
ދައުލަތުގެ ބަޖެޓުގެ ޚަރަދުތައް ބޮޑުވެފައިވާކަން ފާހަގަކުރައްވަމުން، ބަޖެޓުގެ ޚަރަދުތައް ބޮޑުވެފައިވި ވިޔަސް، ރައްޔިތުންނަށް ދެއްވަން ޖެހޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ސަރުކާރުން ދެއްވަމުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހެނބަދޫ އިރުމަތީ ފަރާތު ސަރަޙައްދުގައި ޗަމްޕާ ބްރަދަރސްގެ އެހީއާ އެކު ހައްދަވައިދެއްވި ފާލަމެއް ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި އެވެ. ހެނބަދޫގައި ވަރަށް ފުރިހަމަ ފާލަމެއް ހައްދަވައިދެއްވައި އެފަދަ ބޮޑު ޚިދުމަތެއް ކޮށްދެއްވީތީ އަދި ރަށަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވަމުން ގެންދަވާތީ، ޗަމްޕާ ބްރަދަރސް އަށް، ޚާއްޞަކޮށް ޗަމްޕާ މުޙަންމަދު މޫސާ އަށް ރައީސް ޝުކުރުއަދާކުރެއްވި އެވެ.