ތިންސަތޭކަ ފަންސަވީސް ފުޅި ބަނގުރަލާ އެކު ދެ މީހަކު މިއަދު މާލެ އިން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގްއެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން އިއްޔެ އިން ފެށިގެން ހިންގަން ފެށި އޮޕަރޭޝަނުގައި މިއަދު މެންދުރު 2:00 ހާއިރު ހައްޔަރުކޮށްފައި ވަނީ އުމުރުން 34 އަހަރުގެ ދިވެއްސަކާއި 22 އަހަރުގެ ބަންގުލަދޭޝް މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި 325 ފުޅި ބަނގުރާ ހޯދާފައި ވަނީ ޕްރައިވެޓް ވެހިކަލަކަށް އަރުވަނިކޮށް ކަމަށެވެ. ނަމަވެސް އެތަކެތި އަތުލައިގަތީ މާލޭގެ ކޮންހިސާބަކުން ކަމެއް ފުލުހުން ނުބުނެ އެވެ.

އެ އޮޕަރޭޝަނުގައި ފުލުހުން އަތުލައިގަތް ފުޅި ތަކަކީ އަދި ބޭނުންވެސް ނުކުރާ ފުޅިތަކެއްކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މައްސަލަ އަދި ތަހުގީގު ކުރަމުންދާތީ ތަފްސީލު ފަހުން މީޑިއާ އަށް އާންމުކުރާނެ ކަމަށެވެ.

މިއަހަރަށް ފުލުހުން ކަނޑައަޅާފައިވާ އޮޕަރޭޝަން ޕްރައިއޯރިޓީޒްގެ ތެރޭގައި ވެސް މަސްތުވާތަކެއްޗާ ބަނގުރަލުގެ މައްސަލަތައް ހިމެނެ އެވެ.