24 Jan 2013, 15:50
އެމްޓީސީސީން ހުޅުމާލެއާއި ވިލިމާލެއާ ދެމެދު ދަތުރު ކުރާ ފެރީގެ އަގުތަކަށް މާދަމާއިން ފެށިގެން ބަދަލު ގެންނަން އެ ކުންފުނިން ނިންމައިފި އެވެ.
އެމްޓީސީސީން މި ހިނގާ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ފެރީ ދަތުރުގެ އަގު ތަކަށް ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ ހިދުމަތުން ޓެކްސް ނަގަން ފެށުމުގެ ސަބަބުން ކަސްޓަމަރުންނަށް ބާކީ ދިނުމުގައި ވަކިލާރި ގިނަ އަދަދަކަށް ހިމެނޭތީވެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ތަފާތު އެކި ތަކުލީފުތައް އުފުލަން ޖެހި ގިނަ އަދަދެއްގެ ޝަކުވާ އެ ކުންފުންޏަށް ލިބެމުން އަންނާތީ ކަސްޓަމަރުންނަށް ލުއި ގޮތެއް ހޯދައި ދިނުމަށް ބޭނުންވުމެވެ.
އެމްޓީސީސީން ފެރީގެ އަގުތަކަށް ގެނައި ބަދަލާ އެކު މާދަމާއިން ފެށިގެން ވިލިނގިލީ ފެރީ ޓިކެޓްގެ އަގަކަށް ހަމަޖައްސާފައި ވަނީ 3.25ރ. އެވެ. ހުޅުމާލޭ ފެރީ ޓިކެޓްގެ އަގެއް ކަމުގައި ހަމަ ޖައްސާފައި ވަނީ 5.50ރ. އެވެ. ހުޅުމާލޭ ބަހުގެ ޓިކެޓްގެ އަގެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 2.25ރ. އެވެ. ތިލަފުށީ ފެރީ ޓިކެޓްގެ އަގެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 11 ރުފިޔާ އެވެ. ގުޅީފަޅު ޓިކެޓްގެ އަގުގެ ގޮތުގައި ހަމަޖައްސާފައި ވަނީ 22 ރުފިޔާ އެވެ. އެކްޕްރެސް ބަހުގެ ޓިކެޓްގެ އަގަކީ 16 ރުފިޔާ އެވެ.
ޓިކެޓުގެ އަގުތައް މި ގޮތަށް ހަމަޖެއްސުމުން ޓިކެޓް ފައިސާގެ އިތުރުން ޖީއެސްޓީ ފައިސާއެއް ނުނަގާނެއެވެ. ޖީއެސްޓީ ފައިސާ ހިމެނިފައިވާނީ ޓިކެޓުގެ އަގުގެ ތެރޭގައެވެ.
އެމްޓީސީސީން އަގުތަކަށް ބަދަލު ގެނައުމަށް ފަހު ބުނެފައި ވަނީ މި ގެނެވުނު ބަދަލާ އެކު ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލުއި ފަސޭހަ ވެގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.