24 Jan 2013, 15:44
ފުލުހުންގެ ލީޑަޝިޕް ވަރުދަގަ ކުރުމުގެ ގޮތުން ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އޮސްޓްރޭލިއާގެ ބަލަރާތު ޔުނިވަސިޓީއާ އެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒެވެ. އަދި ބަލަރާތު ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަސިޓީގެ ޑީން ޕްރޮފެސާ މައިކް ވިލްސް އެވެ.
އެ އެމްއޯޔޫގެ ދަށުން ފުލުހުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމްތައް ފަށާނީ މި އަހަރުގެ މާޗްމަހުގެ ތެރޭގަ އެވެ.
މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ވިދާޅުވީ އެ އެމްއޯޔޫއަކީ ގިނަ ދުވަސްވީ ތަޖުރިބާ ލިބިފައި ހުރި ޔުނިވަސިޓީ މެދުވެރިކޮށް ދިވެހި ފުލުހުންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެވުނު އެއްބަސް ވުމެއް ކަމަށެވެ.
އަދި އެ އެމްއޯޔޫގެ ދަށުން، ޔުނިވަސިޓީ އޮފް ބަލަރާތަށް ރާއްޖޭގެ ފުލުހުން ފޮނުވައިގެން ތަމްރީނު ކުރުމަށް ބޭނުންވާ ތައުލީމްގެ ކަންތައް ކުރިއަށް ވެސް ގެންދާނެ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.
ކޮމިޝަނަރު ރިޔާޒު ވިދާޅުވީ ޕޮލިސްގެ ލީޑަޝިޕް ޑިވެލޮޕް ކުރުމަށް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވާ ޕްރޮގްރާމްތައް ފަސްޓްލައިން މެނޭޖާސް އިން ފެށިގެން އެގްޒެކްޓިވްސްއާ ހިސާބަށް ވެސް ކުރިއަށްދާނެ ކަމަށެވެ.
"އަމާޒު މިކުރަނީ ފަސްޓްލައިން މެނޭޖާސް އިން ފެށިގެން. އެންމެ ފުރަތަމަ ސުޕަވައިޒަރީ މެނޭޖްމަންޓް ލެވެލްގައި މަސައްކަތް ކުރާ ސާޖަންޓް ލެވެލްގެ ފުލުހުން ފެށިގެން އިންޓެމީޑިއެޓް ސީނީއާ އޮފިސާ އެގްޒެކްޓިވް ލެވެލްގެ ފުލުހުންނާ ހަމައަށް އެކިއެކި ލީޑަޝިޕް ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތް ކުރާނީ،" ރިޔާޒު ވިދާޅުވި އެވެ.
ބަލަރާތު ޔުނިވަސިޓީން ފުލުހުންނަށް ހިންގާ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ އިރު، އެ ޔުނިވަސިޓީން ދަނީ އޮސްޓްރޭލިއާގެ ވިކްޓޯރިއޯ ޕޮލިސްގައި ވެސް ޕްރޮގްރާމްތައް ހިންގަމުންނެވެ.
ރިޔާޒު ވިދާޅުވީ ބަލަރާތު ޔުނިވަސިޓީން ދޭ ސެޓްފިކެޓްތަކަކީ ޔުނިވަސިޓީން އެކްރެޑިޓް ކުރާ އަދި ދުނިޔޭގެ ފެންވަރުގައި ވެސް އެކްރެޑިޓް ކުރެވޭ ސެޓްފިކެޓްތަކަކަށް ވެގެންދާނެ ކަމަށެވެ.
ބަލަރާތު ޔުނިވަސިޓީއާ ގުޅިގެން ހިންގާ ލީޑަޝިޕް އެންޑް މެނޭޖްމަންޓް ޕްރޮގްރާމްތަކުގައި ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސެކްޓާގައި މަސައްކަތް ކުރާ ޑީޕީއާރުއެސްއާއި ކަސްޓަމާއި އިމިގްރޭޝަންގެ އިތުރުން އެމްއެންޑީއެފަށް ވެސް ޖާގަ އޮތް މިންވަރަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ފުލުހުން ބުނެ އެވެ.