24 Jan 2013, 15:35
އިންޑިޔާގެ ވަށައިގެންވާ އެގައުމުގެ އަވަށްޓެރި ގައުމުތަކާއި ޗައިނާއިން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުންތައް ބަދަހިކުރަމުންދާތީ އިންޑިޔާގެ އިންޓެލިޖެންސް އޭޖެންސީތަކުން ނުތަނަވަސްކަން ފާޅުކުރަން ފަށައިފި އެވެ.
އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި އެގައުމުގެ އަވަށްޓެރި ގައުމުތަށް ކަމަށްވާ ދިވެހިރާއްޖެއާއި ނޭޕާލް ފަދަ ގައުމުތަކާއެކު ކޮމިއުނިކޭޝަން ނެޓްވޯކްތައް ގާއިމު ކުރުމަށް އެއްބަސްވުމާއި ގުޅިގެން އިންޑިޔާގެ އިންޓެލިޖެންސް އޭޖެންސީ ތަކުން ވަނީ އެގައުމުގެ ކޮމިއުނިކޭޝަން މިނިސްޓްރީއަށް އެކަމާއި ފާރަވެރިވެ ތައްޔާރީ ހާލަތުގައި ތިބުމަށް އިޝާރާތް ކޮށްފައެވެ.
އިންޑިޔާއިން ދެކޭގޮތުގައި އެގައުމުގެ އަވަށްޓެރި ގައުމުތަކާއި ޓެކްނޮލޮޖީގެ ގުޅުން ބަދަހި ކުރުމަށް ޗައިނާއިން ކުރަމުން ގެންދާ މަސައްކަތްތަކަކީ ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިޔާ ވަށާލައި އަދި އަވަށްޓެރި ގައުމުތަކާއި އިންޑިޔާއާއި ދެމެދު ގާއިމްކުރެވިފައިވާ ޓެލެކޮމިއުނިކޭޝަންއާއި އިންޓަނެޓް ވަސީލަތްތަކުގެ މައްޗަށް ބާރުވެރިވުމަށް ޗައިނާއިން ކުރަމުންގެންދާ ކަމެއްގެ ގޮތުގައެވެ.
އެހެން ކަމުން އިންޑިއާގެ ޓެލެލޮމިއުނިކޭޝަން މިނިސްޓްރީން ބޭނުންވަނީ އެގައުމުގެ ސަރުކާރުން އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެކަމާއި ބެހޭގޮތުން އަވަށްޓެރި ގައުމުތަކާއި މަޝްވަރާކޮށް އެގައުމުތަކަށް އިންޑިޔާގެ ޓެކްނޮލޮޖީ އެކްޕަޓައިޒް ދިނުމާއި ފައިސާގެ އެހީތައްދީގެން ނަމަވެސް ޗައިނާއާއި ވާދަކުރުމަށެވެ.
އިންޑިޔާގެ ދަ ރިސާޗު އެންޑް އެނަލިސިސް ވިންގުން ޑިސެމްބަރު 10ގައި ނެރުނު ރިޕޯޓެއްގައި ވާގޮތުން "ދިވެހިރާއްޖޭގެ ފޮރިން އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ އައިޓީ އިންފްރާސްޓްރަކްޗާ ތަރަށްގީކުރުމަށް ކޮންސެޝަނަލް ފައިނޭންސިންގެ ގޮތުގައި 60 މިލިޔަން ޑޮލަރު ހޯދުމަށް ޗައިނާގެ 'އިމްޕޯޓް އެކްސްޕޯޓް ބޭންކް' ގައި އެދިފައި" ކަމަށެވެ.
އަދި ޗައިނާގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި "ހުއަވެއި" އިންވަނީ "ދަ ސްމާޓް މޯލްޑިވްސް ޕްރޮޖެކްޓް"ގެ ދަށުން ރާއްޖޭގެ އައިޓީ އިންފްރާ ސްޓްރަކްޗާ ތަރަށްގީ ކުރުމަށް ރާއްޖެއާއި އެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފައިވާކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.
އިންޑިޔާގެ ނޫސްތަކުން ތުހުމަތުކުރާގޮތުގައި އެގައުމުގެ ޖީއެމްއާރު ކުންފުނި ރާއްޖެއިން ފައްސާލުމުގައިވެސް ޗައިނާގެ ނުފޫޒު ވަރަށްބޮޑަށް ވަނީ ބޭނުން ކޮށްފަ އެވެ. އެހެން ކަމުން ޗައިނާއާއި ދިވެހިރާއްޖެއާއި އަދި އިންޑިޔާގެ ވަށައިގެންވާ ގައުމުތަކާއި ގުޅުން ބަދަހިވިޔަ ނުދިނުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރުމަށް މައްސަލަތައް ދިރާސާ ކުރާ އިންޑިޔާ ސަރުކާރަށް އިޝާރާތް ކުރަމުން ދެއެވެ.