24 Jan 2013, 13:56
ރާއްޖޭގައި ރީޖަނަލް އެއާޕޯޓްތައް އިތުކުރާ މައްސަލާގައި އައިލެންޑް އޭވިއޭޝަންގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް (ބަންދު) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެމްއެމްއޭ އިން ގެނެސްދޭ "އިކޮނަމީ ވޮޗު ވިތު ގޮވަރުނާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ބަންދު ސަލީމް ވިދާޅުވީ ރާއްޖޭގައި އަލަށް ގިނަ ރީޖަނަލް އެއާޕޯޓްތަކެއް ހުޅުވި އެ މަންޒިލްތަކަށް ދަތުރުކުރަންބަލާ އިރު އެ ހިސާބަކު ޓޫރިސްޓް 300 ރޫމް ނެތިއްޔާ ފައިދާއެއް ނުވާނެ ކަމަށެވެ. އެގޮތުން ބައެއް އެއާޕޯޓްތަކަށް އަލިއަޅުވައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ތ. ތިމަރަފުއްޓަށް ބަލާ އިރު އެހިސާބުގައި ރިސޯޓެއް ނެތް ކަމަށާއި ރ. އަތޮޅުގައި އެއާޕޯޓެއް އެޅުމުމަށް ނިންމާފައިވާ އިރު އެހިސާބުގައި ވެސް ހުރީ 200 ރޫމް ކަމަށާއި އެހެންކަމުން އެހިސާބަށް އިތުރަށް 100 ރޫމް ބޭނުންވާ އިރު އެ ރޫމްތައް މިއިން ޒަމާނެއްގައި ވެސް ނޭޅޭނެ ކަމަށެވެ.
"އެއާލައިން ދުއްވާށޭ ބުނެފައި މަތިންދާބޯޓް ހަމަޖެއްސިޔަސް ކަމަކު ނުދާނެ އިނގޭތޯ. އެހިސާބުގައި އެ ބޭނުންވާކަންތައްތައް އެކުއެކީގައި ކުރަން ޖެހޭނީ. ތިންސަތޭކަ ރޫމް ހުންނަން ޖެހޭނެ ތިމަރަފުށި ހުޅުވޭއިރު އިނގޭތޯ. ތ. އަތޮޅަށް ދާންތިބީ ކިތައް މީހުންތޯ؟ ބޮޑުބައެއް މިތިބީ މާލޭގައި. އެތާކު މާބޮޑު ރިސޯޓެއް ވެސް އެކައްޗެއް ވެސް ނެތް. އެހެންނެއް ނޫން ގދ. އަތޮޅުގައި އެބައޮތް ހައްދުންމަތީގައި އޮތީ 100 ރޫމްގެ ރިސޯޓެއް، ދެން އެތަންތަން ރަނގަޅުނުކޮށް ނެތޭ އިނގޭތޯވާކަށް. ދެން ހަދަން މިޖެހޭގޮތަކީ ދާންމިޖެހެނީ މާލެ އިން ކައްދޫއިން ކާޑެއްދުށް. ދެން ކޮބާތޯ ކަސްޓަމަރުންގެ ފީޑް ބެކަކީ އެއްކަލަ ބަހަށް އަރަންށޭ މިފަހަރު މިޖެހުނީ ބޮޑު އަގުދީފައި،" ބަންދު ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިސްޓުން ބޮޑުއަގުގައި މިއަދު ދަތުރުކުރާތީ ދިވެހިންނަށް ޓިކެޓް ލިބުމަށް ދަތިތަކަކާ ކުރިމަތިވާ ކަމަށާއި އުދުހުމުގެ ކަންތައްތައް ވަރަށް ރަނގަޅަށް ހަމަޖެހިގެން ކުރިއަށް ގެންދަން ޖެހޭ ކަމަށާއި ނޫނީ މުސްތަގުބަލުގައި ގެއްލުމާ ދިމާވާނެ ކަމަށެވެ. އަދި ހުރިހާ އެއާލައިންތަކަކީ ވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްގެން ހިންގަމުންދާ އެއާލައިންތަކެއްކަމުން ސަރުކާރާއި ހުރިހާ އެންމެން ވެސް އެ އެއާލައިންތަކަށް ގެއްލުމެއް ނުލިބޭނެ ގޮތަށް ހިންގަން ޖެހޭ ކަމަށެވެ.
"ވަރަށް ކުޑަ މާކެޓެއްގެ ވާހަކަ އިނގޭތޯ އަޅުގަނޑުމެން މިދައްކަނީ. ޕޮޕިއުލޭޝަން ނެތް އެއްގޮތަކަށް ވެސް ސަސްޓެއިންސް ކުރެވޭ ކަހަލަ މާސްއެއް މިތާ. އެހެންކަމުން ބައެއްތަންތައް ހިންގުމަށް ސަރުކާރުން ނިންމަން ޖެހޭ ސަރުކާރުން ނިންމަވާ ގޮތަކަށް ގެންދަން. މިސާލަކަށް އެއާޕޯޓްތައް ޕްރަވަޓައިޒްކުރުން، އަޅުގަނޑަށް ހީވަނީ ވަރަށް ރަނގަޅުކަމެއް ހެން އެޔަކީ. ދެން ހަނިމާދޫ އިންޓަނޭޝަނަލް ކުރައްވަނީ އެ ވެސް ރަނގަޅުކަމެއް އިނގޭތޯ،" ބަންދޭގެ ވާހަކައިގާ ވިދާޅުވި އެވެ.
ބަންދު ސަލީމް ވިދާޅުވީ ޓޫރިޒަމް އިންވެސްޓްމަންޓް ރަނގަޅުކޮށް އަވަސް ކުރަން ޖެހޭ ކަމަށާއި މިހާރު ހުއްޓިފައި އޮތް ރިސޯޓްތައް ހުޅުވަން ޖެހޭ ކަމަށާއި އޭރުން މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރެވިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ރާއްޖޭގެ ފަތުރުވެރިކަން ޔޫރަޕުގެ ގައުމުތަކުގެ މީހުންނަށް އަމާޒްކޮށްފައިވީ ނަމަވެސް ކައިރި ގައުމުތަކުގެ މީހުންނަށް ވެސް ޓޫރިޒަމްގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ރީޖަނަލް އެއާޕޯޓްތައް ހުޅުވޭތީ އާ އެކު އެ ސަރަހައްދުތަކުގައި ޓޫރިޒަމް ނެތުމުން ފުލައިޓްތަކަށް ގެއްލުންވެދާނެތީ އައިލެންޑް އޭވިއޭޝަންގެ ޗެއާމަން ބަންދު ސަލީމް ވާހަކަފުޅު ދައްކަވާފައިވާ އިރު މިދިޔަ އަހަރު ވެސް ކޫއްޑޫގައި އެއާޕޯޓަކާއި ދަރަވަންދޫގައި އެއާޕޯޓެއް ހުޅުވާފައިވާ އިރު ރ. އަތޮޅާއި ތ. ތިމަރަފުށީގައި ވެސް އެއާޕޯޓެއް އެޅުމަށް ސަރުކާރުން ނިންމައި ވަނީ މަސައްކަތް ފަށައިފަ އެވެ. އަދި މިއަންނަ ހަފްތާގެ ތެރޭގައި ނ. މާފަރުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ހަވާލުކުރުމަށް އިއުލާން ކުރަން ސަރުކަރުން ވަނީ ނިންމައިފަ އެވެ.