24 Jan 2013, 12:55
ސްޕެއިންގައި ސްމާޓްފޯން އުފައްދާ ކުންފުންޏެއް ކަމަށްވާ ގީކްސްފޯންއާއި މޮޒިއްލާ ގުޅިގެން ފަޔަފޮކްސް އޮޕަރޭޓީން ސިސްޓަމް ބޭނުންކުރާ ފުރަތަމަ ސްމާޓްފޯން ތައާރަފްކޮށްފި އެވެ.
ގީކްސްފޯންސް އިން ފަޔަފޮކްސް އޮޕަރޭޓިން ސިސްޓަމްސް ބޭނުންކުރާ ދެ ހޭންޑްސެޓެއް ތައާރަފުކުރުމަށް ހަމަޖެހިފައި ވާއިރު، އެސިސްޓަމް ޑިވެލޮޕަރުންނަށް ހުޅުވައިލާނީ ފޯނު ރަސްމީކޮށް ލޯންޗު ކުރުމަށް ފަހުގަ އެވެ.
ފަޔަފޮކްސްއިން މުޅިން އަލަށް ތައާރަފްކުރި ފޯނުގައި ހައިއެންޑް އަދި ލޯއެންޑް ހިމެނޭ އިރު އޭގެ ލޯއެންޑް ފޯނުގެ ކޯޑް ނަމަކަށް ދީފައިވަނީ ކިއޯން އެވެ. ކިއޯގައި 3.5 އިންޗީގެ ސްކްރީނެއް ހިމެނޭއިރު 3 މެގަޕިކްސެލްގެ ކެމެރާއަކާއި ކުއަލްކޮމް ލޯއެންޑް ސްނެޕްޑްރެގަން އެސް1 ގެ ޕްރޮސެސާއެއް ހިމެނެ އެވެ.
އަދި "ޕީކް"ގެ ނަން ދީފައިވާ ހައިއެންޑް ފޯނުގައި 4.3 އިންޗީގެ ޑިސްޕްލޭ ސްކްރީނެއް ހިމެނޭއިރު އޭގައި އަށް މެގަޕިކްސެލް ކެމެރާ އަކާއި، ސްނެޕްޑްރެގަން އެސް 4 ގެ ވަރުގަދަ ޕްރޮސެސާއެއް ހިމެނެ އެވެ. މޮޒިއްލާއިން ބުނެފައިވާ ގޮތުގައި އަލަށް މިނެރުނު އާލާތް، މިހާރު މާކެޓަށް ނެރެން ތައްޔާރުވެފައިވާ ފުރަތަމަ ޖީލުގެ އެހެން ފޯނު ތަކަށްވުރެ "ކުޑަތަންކޮޅެއް ސްޕީޑް އަވަސް" ވާނެ އެވެ.
ފަޔަފޮކްސް ފޯން އާންމުކުރުމާއި ގުޅިގެން ވާދަވެރި ފަރާތްތަކާއި ކިތަންމެ ބޮޑު ކުރިމަތިލުމަކަށް ދާން ޖެހުނު ކަމުގައިވިޔަސް ފޯނުގެ ސްފޮޓްވެއާ ތައްޔާރުކުރާ ފަރާތްތަކަށް މީގެ ކުރިން ނުލިބޭވަރުގެ ފަސޭހަ ކަމާއި މިނިވަންކަން ދިނުމުގެ ގޮތުން ފަޔަފޮކްސް ފޯނުގައި ޕްރޮގްރާމް ކުރުމަށް ބޭނުން ކުރާނީ އެޗްޓީއެމްއެލް 5 ވެބް ޕްރޮގްރާމިންގް ލޭންގުއެޖް ޕްލެޓްފޯމް އެވެ.
ފަޔަފޮކްސް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރާ ގީކްސް ފޯންސް އަންނަ މަހުގައި މާކެޓަށް ނެރެވޭނެ ކަމަށް އެ ފަރާތުން ލަފާ ކުރެއެވެ. އެހެން ނަމަވެސް ފޯނުގެ އަގުތައް އަދި ހާމަކޮށްފައެއް ނުވެ އެވެ.
މޮބައިލް ފޯން މާކެޓްގައި ފަޔަފޮކްސް ވާދަކުރަން ނިކުންނަ އިރު ކުރިމަތިލާންޖެހޭ އޯއެސް ތަކުގެ ތެރޭގައި މިހާރު ވެސް މާކެޓްގެ ބޮޑު ބައެއް ހިއްސާކުރަމުންދާ އެންޑްރޮއިޑް، އައިއެސްއޯ، ވިންޑޯސްފޯން، ބްލެކްބެރީ7 އަދި ސިމްބިއާން ހިމެނެ އެވެ. އަދި ހަމަ އެހެންމެ 2013 ވަނަ އަހަރު މި ރޭހުގައި ވާދަކުރުމަށް ބްލެކްބެރީ10، އުބުންޓޫ، ޓައިޒެން އަދި ސެއިލްފިޝް ވަނީ މިހާރު ވެސް ތައްޔާރު ވެފަ އެވެ.