ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ގްރޫޕް ސީ ގައި ކްލަބް ގްރީން ސްޓްރީޓް 2-0 ލަނޑުން ބަލިކޮށް، މުބާރާތުގެ ކުއާޓާފައިނަލުގެ އުންމީދު މަހިބަދޫ ސްޕޯޓްސް ކްލަބުން އާކޮށްފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ދެ ވަނަ ހާފުގެ 57 ވަނަ މިނެޓުގައި މެޗުގެ ލީޑް މަހިބަދޫއަށް ކާމިޔާބު ކޮށްދިނީ އިސްމާއިލް ނަޒީރެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި މަހިބަދޫއިން އިއްޔެ ލީޑް ނެގި ކަމަކު، ގްރީންސްޓްރީޓަށް މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް މެޗުގެ 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އެޓީމުގެ އަހުމަދު ސާޖިދު ޖެހީ ބޭރަށެވެ.

އިއްޔެގެ މެޗުން މަހިބަދޫ މޮޅު ކޮށްދިން ލަނޑު ދެ ވަނަ ހާފުގެ 80 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ވެސް އިސްމާއީލް ނަޒީރެވެ.

އިއްޔެ މެޗުގެ ނަތީޖާއާ އެކު، ތާވަލްގެ އެއްވަނައިގައި ހަ ޕޮއިންޓާ އެކު އޮތް ކްލަބް އީގަލްސްއަށް ވަނީ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވެފަ އެވެ. އަދި ގުރޫޕުން ކުއާޓާ ފައިނަލުގެ ދެވަނަ ޖާގަ އަށް ވާދަކުރާނީ އެ ގުރޫޕްގެ ފަހު މެޗުގައި ކުރިމަތިލާ މަހިބަދޫ އާއި ކެލާ ނާޅި ސްޕޯޓްސް އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ކުއާޓާގެ ޖާގައެއް ކަށަވަރުވާނެ އެވެ. އެ މެޗް ކުޅޭނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 ޖަހާއިރު އެވެ.

އިއްޔެގެ މެޗުން ގްރީން ސްޓްރީޓް ބަލިވުމުން އެޓީމް ވަނީ މުބާރާތުން ކަޓައިފައެވެ.

މުބާރާތުގައި މާދަމާ ހަވީރު 4:00 ގައި ބައްދަލު ކުރާ ދެ ޓީމަކީ މާޒިޔާ އާއި އޭދަފުށީ ޒުވާނުންގެ ކްލަބެވެ.

ޖުމްލަ 12 ޓީމު ތިން ގްރޫޕަކަށް ބަހައިލައިގެން ކުޅޭ މުބާރާތް ކުރިއަށް ގެންދާނީ ގްރޫޕް ސްޓޭޖުގައި ޓީމުތައް ވާދަކޮށް ނިމޭ އިރު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމާއި، އަދި ތިން ގުރޫޕް އެއްކޮށް ތިންވަނައަށް އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމާ އެކު ޖުމްލަ އަށް ޓީމު ކުއާޓާ ފައިނަލުގައި ވާދަކުރާ ގޮތަށެވެ.