24 Jan 2013, 12:17
ކީރިތި ރަސޫލާގެ ހަޔާތްޕުޅުން އިބުރަތް ހާސިލްކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މިހެން ވިދާޅުވީ މިއަދަކީ ކީރިތި ރަސޫލާގެ އީދު މީލާދު ދުވަސްކަމަށް ވުމާއެކު އެކަމުގެ މުނާސަބަތުގައި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގަ އެވެ.
ރައީސް ވިދާޅުވީ އިސްލާމީ ދައުލަތެއް ފުރަތަމަ ފަހަރަށް އުފެއްދެވުމުގައި، ކީރިތި ރަސޫލާ ގެންގުޅުއްވި ހަރުދަނާ ސިޔާސަތަށާއި، މުސްލިމުންގެ މެދުގައި އޮންނަންވާ އެއްބައިވަންތަކަމާއި އެކުވެރިކަމަށް އިސްލާމްދީން ދެއްވާފައިވާ އަހަންމިއްޔަތުގެ މަތިން ހަނދާންކޮށް ރާއްޖޭގެ ރައްޔިތުންގެ މެދުގައި ވެސް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އަޒުމް ވަރުގަދަ ކުރެއްވުމަށް ގޮވާލައްވާ ކަމަށެވެ.
ރައީސްގެ މެސެޖުގައި މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި އިތުރަށް ފައިތިލަ ސާބިތު ކުރައްވައި، އާ އަޒުމްތަކެއް ކަނޑައެޅުއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައި ވެއެވެ. އަދި މިއަދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ރައްޔިތުންނަށް އަރިސްކުރުމަކީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މާތްﷲ، މި ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު ދެއްވާށި! ކީރިތި ރަސޫލާ އެ ދެއްކެވި މާތް ނަމޫނާއިން ޢިބްރަތް ޙާޞިލު ކުރުމުގެ ހެޔޮ ތައުފީޤާއި، އެކަލޭގެފާނު ގެންނެވި މަތިވެރި މާތް އުޞޫލުތަކުގައި ހިފެހެއްޓުމުގެ ބާރާއި ވާގިވެރިކަން ދެއްވާށި! އާމީން،" ރައީސް ފޮނުވި މެސެޖްގައި ވެއެވެ.