24 Jan 2013, 12:06
ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑް ކަޓުވައިލުމަށްފަހު މިފަހަރުވެސް ދުނިޔޭގެ މަނީ ލީގުގެ އެންމެ ކުރި ހޯދީ ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑް އެވެ.
އަހަރު ދުވަހުގެ އާމްދަނީގެ ގޮތުގައި 512.6 މިލިޔަން ޔޫރޯ ހޯދައިގެން ރެއާލް މެޑްރިޑް މިވަނީ އިނގިރޭސި އޯޑިޓް ފާމެއް ކަމަށްވާ ޑެލޮއީޓާއިން ހާމަކުރާ ދުނިޔޭގެ އެންމެ މުއްސަނދި ފުޓްބޯޅަ ޓީމުގެ މަގާމު ޖެހިޖެހިގެން އަށްވަނަ ފަހަރަށް ހޯދާފަ އެވެ.
ހުސްވި ސީޒަންގައި (2011-2012) އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ޓީމުތަކުގެ އެންމެ ކުރީގައި އުޅޭ 20 ޓީމުގެ ތެރެއިން ދެވަނައަށް އެންމެ މުއްސަނދި ކުލަބަކަށް ބާސެލޯނާ (483 މިލިޔަން ޔޫރޯ) ހޮވުނު އިރު މެންޗެސްޓާ ޔުނައިޓެޑު އޮތީ އެ ލިސްޓުގެ ހަތަރު ވަނައިގަ އެވެ. ޔުނައިޓެޑްގެ އާމްދަނީ 395.9 މިލިޔަން ޔޫރޯގައި އުޅޭ އިރު ލިސްޓުގެ ހަތަރުވަނައިގައި އޮތް ޖަރުމަނުގެ ބަޔާން މިޔުނިކަށް ޖެހެނީ 368.4 މިލިޔަން ޔޫރޯ އެވެ. އަދި އެ ލިސްޓުގެ ފަސްވަނައިގައި އޮތް ޗެލްސީގެ އާމްދަނީ 322.6 މިލިޔަން ޔޫރޯއަށް އަރައެވެ.
ޑެލޮއީޓާއިން ހާމަކުރި ދުނިޔޭގެ އެންމެ މުއްސަނދި ފުޓްބޯޅަ ކުލަބުތަކުގެ ލިސްޓުގެ ޓޮޕް 20 ޓީމުގެ ތެރޭގައި އިނގިރޭސި ހަތް ކުލަބު ހިމެނެ އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ، އާސެނަލް، މެންޗެސްޓާ ސިޓީ، ލިވަޕޫލް، ޓޮޓެންހަމް، އަދި ނިއުކާސަލް ހިމެނެ އެވެ.
ޓޮޕް 20 ޓީމުގެ ތެރޭގައި އިޓަލީގެ ފަސްޓީމެއް ކަމަށްވާ އޭސީ މިލާން، ޔުވެންޓާސް، އިންޓަ، ނަޕޯލީ އަދި ރޯމާ ހިމެނޭ އިރު ޖަރުމަނުގެ ހަތަރު ޓީމުކަމަށްވާ ބަޔާން މިއުނިކް، ޑޯޓްމަންޑް، ޝަލްކޭ އަދި ހެމްބާގް ހިމެނެއެވެ. ޓޮޕް 20 ޖާގަލިބުނު ސްޕެއިންގެ ހަމަ އެކަނި ދެ ޓީމަކީ ރެއާލް އާއި ބާސާ އެވެ. އަދި ފްރާންސްގެ މާސޭ އާއި ލިޔޯންވެސް އެބައިގައި ހިމެނެ އެވެ.
މިފަހަރުގެ ލިސްޓުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދައިފައިވަނީ ޕްރިމިއާލީގުގެ މެންޗެސްޓާ ސިޓީއެވެ. އެޓީމުގެ އާމްދަނީ ވަނީ 169.6 މިލިޔަން ޔޫރޯއިން 285.6 މިލިއަން ޔޫރޯ އަށް ކުރިއަރާފަ އެވެ. އެއީ 51 އިންސައްތައިގެ ކުރި އެރުމެކެވެ.
އެންމެ މުއްސަނދި 20 ކުލަބުގެ ތެރޭގައި އިނގިރޭސި ވިލާތާއި، ސްޕެއިނާއި، ޖާމަނީ އާއި، އިޓަލީ އަދި ފްރާންސްގެ ކުލަބުތައް ހިމެނުނު އިރު އެލިސްޓުގައި ދެން ވާދަކުރަނީ 22 ވަނައިގައި އޮތް ޕޯޗްގަލްގެ ބެންފީކާ އެވެ. އެ ކުލަބުގެ އާމްދަނީ އަކީ 111.1 މިލިޔަން ޔޫރޯ އެވެ.
ޔޫރަޕްގެ ބޭރުން އެންމެ މުއްސަނދި ޓީމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ 31 ވަނައިގައި އޮތް ބްރެޒިލްގެ ކޮރިންތިއާންސް އެވެ. އެ ކުލަބުގެ އާމްދަނީ އަކީ 94.1 މިލިޔަން ޔޫރޯ އެވެ.