24 Jan 2013, 11:28
ދެ ފަހަރެއްގެ މަތިން ބާއްވަން އުޅެ، ހަމަނުޖެހުން ބޮޑުވެގެން ނުބޭއްވުނު އެފްއޭއެމްގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ނިންމައިފައިވާ އިރު، އެ އިންތިހާބުގައި ވިލަރެސް ކުރުމަށް ފީފާ އާއި އޭއެފްސީގެ މަންދޫބުން މިރޭ މާލެ އަންނާނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.
އެފްއޭއެމްގެ އިންތިހާބުގައި ވާދަ ކުރައް ވަނީ މިހާރުގެ ރައީސް އަލީ އާޒިމާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި އޭނާ އަށް ތާއީދު ކުރައްވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލްމުހުސިން ހަމީދު (ޖޭފޯ) އެވެ.
އެފްއޭއެމްގެ އިންތިހާބުގައި ވޯޓްލެވޭ ކުލަބްތަކަކީ ފުރަތަމަ ޑިވިޒަންގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުން ތިން ކުލަބު އަދި ތިން ވަނަ ޑިވިޝަނުން ދެ ކުލަބާ އެކު ޖުމުލަ 13 ކުލަބެވެ.
އަންނަ ހޮނިހިރު ދުވަހުގެ ރޭ 30: 8ގައި އިންތިހާބީ ޖަލްސާ ބާއްވާ އިރު ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރެވެ. އެގޮތުން މާދަމާ ހަވީރު 4:00 ޖަހާއިރު ތިން ވަނަ ޑިވިޝަނުގެ ޕްރައިމަރީ ބާއްވާ އިރު ދެ ވަނަ ޑިވިޝަނުގެ ޕްރައިމަރީ އޮތީ މަދަމާ ހަވީރު 5:00 ޖަހާއިރު އެވެ.
އެ އިންތިހާބު ދެ ފަހަރު ވެސް ލަސްވީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓުގެ މައްސަލާގަ އެވެ. އެކުލަބުގެ ރައީސް އާޒިމަށް ޕްރޮކްސީ ދީފައިވީ ނަމަވެސް ކުލަބުގެ ބޯޑުގެ ގިނަ މެމްބަރުން ތާއީދު ކުރަނީ އިލްހާމަށެވެ. ނަމަވެސް ޕްރޮކްސީ ބަދަލު ކުރެވޭނެ ގޮތެއް ނެތުމުން ބޯޑުން ވަނީ އިންތިހާބުގައި ވާދަ ނުކުރަން ނިންމައިފަ އެވެ. މިކަމާ ހެދި ފުރަތަމަ އިންތިހާބު ބާއްވަން އުޅުނު ދުވަހު އިންތިހާބު ހުއްޓުވީ އިލްހާމަށް ތާއީދު ކުރާ ފަރާތްތަކުންނެވެ. ދެ ވަނަ ދުވަހު އާޒިމްގެ ޓީމުންނެވެ.