ހއ. ހޯރަފުށީގައި ފަޅުގެއެއްގެ ތެރޭ މިދިޔަ އަންގާރަ ދުވަހުގެރޭ މަރާލާފައި އޮއްވާ ފެނުނު ހުސޭނުބޭގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ހުރި މީހަކު ތަހުގީގަށް އެ ރަށަށް ގެންދިއުމުން އޭނާ ދިރިއުޅޭ ގޭދޮށަށް ބަޔަކު އެއްވެ ހަމަލާދޭން އުޅުމުން ފުލުހުން ކަރުނަގޭސް ޖަހައި އެއްވުން ރޫޅާލައިފި  އެވެ.


ހޯރަފުށީ މީހަކު ބުނީ ހުސޭނުބޭގެ މަރާ ގުޅިގެން ހައްޔަރުކުރި އެ ރަށު ސޯސަންމާގޭ ނުއުމާން އަބުދުﷲ މިހާރު ދިރިއުޅޭ އަލިމަސްގޭ ދޮށަށް މިއަދު ސަތޭކައެއްހާ މީހުން އެއްވެ އޭނާ ރައްޔިތުންނާ ހަވާލު ކުރުމަށް ގޮވާ ހަދައިފައިވާ ކަމަށެވެ. އަދި އެތަނަށް އެއްވި މީހުން ހަޅޭލަވަން ފެށުމުން ފުލުހުން ކަރުނަގޭސް ޖަހާ މީހުންތައް އެސަރަހައްދުން ފޮނުވާލީ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހުސޭނުބޭގެ މަރާ ގުޅިގެން ހައްޔަރުކުރި ދެމީހުން ތަހުގީގަށް އެރަށަށް ގެންދިޔުމުން ރައްޔިތުން ތެރެއިން ބަޔަކު ނުކުމެ އެމީހުންނަށް ހަމަލާދޭން މަސައްކަތް ކުރުމުން ލިބިދާނެ ގެއްލުމަކަށް ބަލައި ކަރުނަގޭސް ޖަހައި އެއްވި މީހުން ފޮނުވާލާފައިވާ ކަމަށެވެ.


ހޯރަފުށީގައި އަނިޔާކޮށް މަރާލުމަށް ފަހު ފަޅު ގެއެއްގެ ތެރެއަށް އެއްލާލައިފައި އޮއްވާ ފެނުނު އެ ރަށު ސީވިއު، ހުސެން މަނިކަކީ ހާޑްވެއާ އާއި ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ވިޔަފާރިވެރިއެއް ކަމަށެވެ.