އިނގިރޭސި ލީގު ކަޕްގެ ދެވަނަ ސެމީފައިނަލްގެ ދެވަނަ ލެގުގައި ސުވަންސީއާއި ޗެލްސީ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވުމުގެ ސަބަބުން ދޭއް ސުމެއްގެ އެގްރިގޭޓް ނަތީޖާއިން މޮޅުވެގެން ސުވަންސީ އެ މުބާރާތުގެ ފައިނަލަށް ދަތުރު ކޮސްފި އެވެ.

ރޭގެ މެޗުގައި ގިނަވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެ މެޗުގައި ޗެލްސީ އިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ވަނީ ސުވަންސީގެ ގޯލް ފޫއަޅުވައި ލެވޭގޮތް ނުވެފަ އެވެ. އަދި މެޗުގެ 80 ވަނަ މިނިޓުގައި ޗެލްސީގެ އެޑެން ހަޒާޑަށް ރަތްކާޑެއް ދެއްކުމާއި ގުޅުގެ މެޗުގެ ފަހު ދިހަމިނިޓް އެޓީމު ކުޅެން ޖެހުނީ 10 މީހުންނާ އެކުގަ އެވެ.

ރެފްރީ ކްރިސް ފޯއީ ހަޒާޑަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލީ ޗެލްސީގެ ގޯލްކައިރިން ބޯޅަ ބޭރަށް ދިޔަވަގުތު ހަޒާޑު ބޯޅަ ބަލައި ދިއުމުން އެތާނގައި ހުރި ބޯލްބޯއީ ބޯޅައިގައި ބައްދައިގަނެ ވަގުތު ބޭކާރު ކުރުމުގެ ގޮތުން ބޯޅަނުދީ ހިފެހެއްޓުމުން ބޯޅަހޯދުމަށް ބޯޅައިގައި ހެޒާޑު ފައިންޖެހިވަގުތު ބޯލްބޯއީގެ އަރިކަށީގައި ބޫޓުން ޖެހުމުންނެވެ.

އެވަގުތު އެތަނުގައި ހުރި ބޯލްބޯއީ އުމުރުން 17 އަހަރުގެ ޗާލީ މޯގަން އަކީ ސުވަންސީގެ 22.5 އިންސައްތަ ހިއްސާ އޮންނަ މުއްސަނދި ދެމަފިރިއެއްގެ ދަރިއެއް ކަމަށް ވެ އެވެ. އަދި މެޗަށް ފަހު ހަޒާޑު ވަނީ ބޯލްބީއީގެ ކިބައިންމާފަށް އެދިފަ އެވެ. އަދި ބޯލްބޯއީ ވެސް ވަނީ ހަޒާޑްގެ ކިބައިންމާފަށް އެދި އަދި އޭނާ އެއަމަލު ހިންގީ ވަގުތު ބޭކާރުކުރުމަށް ކަމަށް އެއްބަސްވެފަ އެވެ.

ލީގު ކަޕުގެ ފައިނަލުން ޖާގަ ލިބުމުން ސުވަންސީ އަށް މިވަނީ އެޓީމުގެ އެއްގަރުނުގެ ތާރީހުގައި ބޮޑު މުބާރާތެއްގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލުމުގެ ފުރުސަތު ތަނަވަސްވެފަ އެވެ. ހަމަ އެހެންމެ އެ ޓީމާ ދެކޮޅަށް ފައިނަލުގައި ވާދަކުރާ ހަތަރު ވަނަ ޑިވިޒަންގެ ބްރެޑްފޯޑް ސިޓީއަށް ވެސް މިވަނީ އެ ޓީމުގެ ޒަމާންވީ ތާރީހުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ތަށި އުފުލާލުމުގެ ފުރުސަތު ލިބިފަ އެވެ.

އަންނަ މަހުގެ 24 ގައި ވެމްބްލީގައި ކުޅޭ ލީގު ކަޕުގެ ޗެމްޕިއަނުންނަށް ކުރިއަށް އޮތް ސީޒަންގައި ޔޫރޮޕާ ލީގުގައި ކުޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.