ކ. ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ އަށް ސޮއި ކުރައްވައިފި އެވެ.

ޑީއާރުޕީގެ ޓިކެޓްގައި ކައުންސިލަރު ކަމަށް އިންތިހާބު ވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެން ގައުމީ އިއްތިހާދަށް އޭނާ ސޮއި ކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ.

ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މުބައްޝިރު ވިދާޅުވީ އޭނާ ގައުމީ އިއްތިހާދަށް ސޮއި ކުރެއްވީ ރައީސް ވަހީދަށް ފުރިހަމަ އަށް ތާއިދު ކުރައްވާތީ ރަނގަޅު ބަދަލުތަކެއް ގެނެވޭނީ ގައުމީ އެ ޕާޓީއާ ގުޅިގެން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"ރައީސް ވަހީދަކީ ކޮންމެ ދަނޑިވަޅެއްގައި ވެސް ގައުމި ހިންގިދާނެ ބޭފުޅެއްކަން އަޅުގަނޑު ގަބޫލުކުރަން. އަދި އަޅުގަނޑު ރައީސް ވަހީދު ޕާޓީ އަށް ސޮއި ކުރީ އެމަނިކުފާނަށް ކުރާ ފުރިހަމަށް ތާއީދުކުރާތީވެ،" މިބައްޝިރު ވިދާޅުވި އެވެ.

ގާފަރު ކައުންސިލަށް ޑީއާރުޕީގެ ޑިކެޓްގައި ހަތަރު ކައުންސިލަރުން އިންތިހާބުވެފައިވާ އިރު އޭގެ ތެރެއިން ދެ ކައުންސިލަރަކު އަދާލަތު ޕާޓީ އަށް އަދި އެއް ކައުންސިލަރަކު ވަނީ ޕީޕީއެމްއަށް ސޮއި ކުރައްވައިފަ އެވެ.

އެހެންކަމުން މިހާރު އެ ކައުންސިލްގައި ތިއްބެވީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ދެ ކައުންސިލަރަކާއި ޕީޕީއެމްގެ ކައުންސިލަރެއްގެ އިތުރުން އެމްޑީޕީ ޓިކެޓްގައި އިންތިހާބުވި ކައުންސިލަރަކެވެ.