24 Jan 2013, 10:58
އަންނަ ޖޫން މަހު ބުރޫނާއީގައި ބާއްވާ 21 އަހަރުން ދަށުގެ އޭޝިއަން ޗެމްޕިއަންޝިޕްގައި ނެޓްބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ގައުމީ ނެޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފި އެވެ.
ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ، މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ 35 ކުޅުންތެރިންގެ ސްކޮޑަކާއެކު، މަޝްހޫރު ނެޓްބޯޅަ އަދި ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާގެ ކޯޗުކަމުގައި ކަމަށެވެ. އަދި މުބާރާތައް ދާ ފައިނަލް ސްކޮޑް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ޓީމުގެ ފަރިތަކުންތައް މިހާރު ވަނީ ފެށިފައި. މުބާރާތައް ނަގާނެ ފައިނަލް ސްކޮޑް އަންނަ މަހު އިއުލާން ކުރެވޭނެ. ފަރިތަކުންތައް ކުރިއަށް ގެންދަނީ ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ނެޓްބޯޅަ ކޯޓުގައި،" އަބްދުﷲ ވިދާޅުވި އެވެ.
ރާއްޖޭގެ އިތުރުން ޖޫނިއާ އޭސިއަންޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމު ތަކަކީ ލަންކާ، އިންޑިޔާ، މެލޭސިޔާ ސިންގަޕޫރު، ބުރުނާއި، ނޭޕާލް، ޕާކިސްތާން، ހޮންކޮންގް އަދި ޖަޕާނެވެ.
ބުރުނާއީގައި ބައްވާ ޔޫތް މުބާރާތައް ތައްޔާރުވުމަށް ދިވެހި ގައުމީ ނެޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށާފައި ވާއިރު، ނެޓް ބޯޅައިގައި ރާއްޖެއަށް އެންމެ ފުރިހަމަ ކާމިޔާބީއެއް އަދި މިހާތަނަށް ލިބިފައި ވަނީ ރާއްޖޭގެ ސީނިއާ ނެޓްބޯޅަ ޓީމަށެވެ. އެ ކާމިޔާބީ އަކީ މިދިޔަ ސެޕްޓެމްބަރު މަހު ސްރީ ލަންކާގެ ނިގަމްބޯގައި ކުރިއަށް ދިޔަ އޭޝިއަން އިންވިޓޭޝަނަލް ބީޗް ނެޓްބޯލް މުބާރާތުން ރިހި މެޑަލް ހޯދި ފަހަރެވެ.