އއ. އުކުޅަހަށް އެ ރަށު ކައުންސިލުން ދެމުންގެންދާ ކޭބަލްޓީވީގެ ޚިދުމަތް ހުއްޓާލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

އުކުޅަހު ކައުންސިލްގެ ނާއިބް ރައީސް އަބްދުﷲ ފިރާގު މިއަދު ވިދާޅުވީ އުކުޅަހު ކައުންސިލުން ކޭބަލްޓީވީގެ ޚިދުމަތް ދެމުންގެންދަނީ ގަވާއިދާ ޚިލާފަށް ކަމަށް ވާތީ އެ ޚިދުމަތް ހުއްޓާލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގަވާއިދު އޮންނަ ގޮތުން ކައުންސިލްތަކަށް އެ ޚިދުމަތް ނުދެވޭތީ ކޭބަލްޓީވީގެ ޚިދުމަތް ދިނުން ހުއްޓާލަން އެ ކޮމިޝަނުން އަންގާ ނަމަ ހުރިހާ ކައުންސިލްތަކަށް ވެސް އެ އެންގުން އަންގަން ޖެހޭނެ ކަމަށެވެ. އަދި އެ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކުން ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އަންނައިރު އެތަންތަނަށް އެ އެންގުން ނާންގައި ހަމައެކަނި އުކުޅަހު ކައުންސިލަށް ކޭބަލްޓީވީގެ ޚިދުމަތް ހުއްޓާލަން އެންގުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.

"ކޭބަލްޓީވީގެ ޚިދުމަތް ކަނޑާލާފައި ވަނީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާއާ ޚިލާފަށް. މިއަތޮޅުގެ ހުރިހާ ރަށަކުން ކަނޑައެއް ނުލާ. މިރަށުން އެކަނި ކަނޑާލަން އެންގީ،" ފިރާގު ވިދާޅުވި އެވެ.

އުކުޅަހު ކައުންސިލުން ދެމުންގެންދާ ކޭބަލްޓީވީގެ ޚިދުމަތް މެދުކަނޑާލާފައި ވަނީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި އެހެންކަމުން ބްރޯޑްކާސްޓިން ކޮމިޝަނާ ދެކޮޅަށް ދައުވާ ކުރުމަށް ކައުންސިލުން މިހާރު ގަރާރެއް ފާސްކޮށްފައިވާ ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން އުކުޅަހު ކައުންސިލަށް ފޮނުވި ސިޓީގެ ކޮޕީއެއް ސަން އަށް ވެސް ވަނީ ލިބިފަ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ ރީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީތައް ފިޔަވައި އެހެން ފަރާތްތަކަށް ކޭބަލްޓީވީގެ ޚިދުމަތް ނުދެވޭނެ ކަމަށެވެ. އަދި ކޭބަލްޓީވީގެ ޚިދުމަތް ދިނުން ހުއްޓާނުލައިފި ނަމަ ގަވާއިދާ އެއްގޮތަށް 2000ރ. އަށް ވުރެ ބޮޑުނޫން އަދަދަކުން އުކުޅަހު ކައުންސިލް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

އުކުޅަހު ކައުންސިލުން ބުނީ އެ ރަށަށް ކޭބަލް ޓީވީގެ ޚިދުމަތް ދެމުން ގެންދަނީ ހަމައެކަނި ކައުންސިލުން ކަމަށްވާތީ، ބްރޯޑްކާސްޓިން ކޮމިޝަންގެ އެންގުމަށް ކައުންސިލުން އަމަލު ކުރުމުން މިހާރު އެރަށު ރައްޔިތުންނަށް އެއްވެސް ގޮތަކަށް ކޭބަލްޓީވީގެ ޚިދުމަތް ލިބެމުން ނުދާކަމަށެވެ.