ގއ. ކަނޑުހުޅުދޫން ގޯތި ދޫކުރުމަށް އެ ރަށު ކައުންސިލުން ކުރަމުން ގެންދިޔަ މަސައްކަތްތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފި އެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ރިފާއު ރަޝީދު މިއަދު ވިދާޅުވީ ގޯތި ދޫކުރުމަށް ކައުންސިލުން ކުރަމުން ގެންދިޔަ މަސައްކަތް ހުއްޓާލުމަށް އޭސީސީ އިން އަންގާފައި ވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ އޭސީސީ ފަދަ މިނިވަން މުއައްސަސާއަކުން އެފަދަ އެންގުމެއް އަންގާފައިވާތީ ގޯތި ދޫކުރުމަށް ކުރަމުން އައި މަސައްކަތްތައް މިހާރު ހުއްޓާލާފައިވާ ކަމަށާއި ދެން އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދާނީ އޭސީސީން ވަކިގޮތެއް އެންގުމުން ކަމަށެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަނަކީ މިނިވަން މުސްތަގިއްލު މުއައްސަސާއެއް. އެއީ ގާނޫނީ ބާރު ލިބިފައިވާ މުއައްސަސާއެއް. އެހެންކަމުން އެ ކޮމިޝަނުން އަންގާ އެންގުންތަކަށް ކައުންސިލުން ތަބާވާނަން. އެހެންވީމާ އެ ކޮމިޝަނުން އަންގާފައިވާ ގޮތުގެމަތިން އެ ކޮމިޝަނުން ވަކިގޮތަކަށް އަންގަންދެން ގޯތިދޫކުރުމަށް މި ކައުންސިލުން ކުރަމުންދިޔަ ހުރިހާ މަސައްކަތެއް މިހާރު ވަނީ ހުއްޓާލާފައި،" ރިފާއު ވިދާޅުވި އެވެ.

ކޮރަޕްޝަނޭ ކިޔައިގެން ވަކި ބަޔަކު ކައުންސިލާ ދެކޮޅަށް އެފަދަ މައްސަލައެއް ހުށަހެޅި ނަމަވެސް ގޯތި ދޫކުރުމަށް ކުރި އެއްވެސް މަސައްކަތެއްގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އޭސީސީން ކުރިއަށް ގެންދާ ތަހިގީގު ނިމުމުން އެކަން ވަރަށް ސާފުކޮށް އެނގިގެންދާނެ ކަމަށް ވެސް ރިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޯތި ދޫކުރުމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން 67 ފަރާތަކުން ގޯތި ހޯދުމަށް ކުރިމަތިލާފައިވާ ކަމަށާއި ނަމަވެސް ޝަރުތުހަމަ ވަނީ އޭގެތެރެއިން 29 ފަރާތެއް ކަމަށެވެ. އަދި ޝަރުތުހަމަވާ ފަރާތްތައް ކަނޑައެޅުމުގެ ކަންތައް ކޮށްފައި ވަނީ ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން ޚާއްސަ ކޮމެޓީއެއް އެކުލަވާލުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.